ގައުމީ އެމްބިއުލާންސް ތައާރަފުކޮށް ހިދުމަތް ރަނގަޅުކުރަނީ

އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުއްލި އެހީ ދިނުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ސިއްހީ ހިދުމަތް ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ އަވަސް ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އެމްބިއުލާންސްގެ ހިދުމަތް ވެސް ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހޭ ކަމަށެވެ. ހާއްސަ ގޮތެއްގައި މާލެ ސަރަހައްދާއި އާބާދީ ބޮޑު ސަރަހައްދާއި ދިގު މަގުތައް ހުންނަ ރަށްރަށަށް އިސްކަންދޭން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުން މިހުރީ ގައުމީ އެމްބިއުލާސްގެ ހިދުމަތެއް ތައާރަފުކޮށް އެ ހިދުމަތުގެ ތެރެއިން އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމަށް. އެ ހިދުމަތުގައި އުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ތަމްރީނު ދެވި އަދި ކަނޑުމަގުން ދެވޭ ހިދުމަތާއި އެއްގަމާއި އަދި ވައިގެ ހިދުމަތް މީގެ ތެރެއަށް އައުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމެއް،" ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަމީން "މިހާރު"އަށް ވިދާޅުވީ ގައުމީ އެމްބިއުލާންސް ތައާރަފުކުރުމުން ރާއްޖޭގަައި ހިދުމަތް ދެމުން އަންނަ ހުރިހާ އެމްބިއުލާންސެއް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށެވެ. އޭރުން އެއް ނަންބަރަކަށް ގުޅުމުން، ވަކި ވަގުތެއްގެ ތެރޭގައި އެ މީހަކަށް ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ސީއެމްބިއުލާންސް މިހާރު ހިންގަނީ ސިފައިންނެވެ. ނަމަވެސް ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމުން ސީ އެމްބިއުލާންސް ވެސް ދާނީ އެ ހިދުމަތުގެ ތެރެއިންނެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަކީ ވަރަށް މުހިއްމު ގައުމީ ހިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށެވެ. އަދި ކުއްލި ހާލަތްތަކުގައި އެންމެ ފުރަތަމަ ދިމާވާ ބަޔަކަށް ޓެކްސީ ޑްރައިވަރުން ވާ ކަމަށާއި އެމީހުންނަށް އެފަދަ ތަމްރީނުތައް މުހިއްމުވެގެންދާ ކަމަށް ވިދާޅުވި އެވެ.

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ހެލްތު މިނިސްޓްރީގެ ފަރާތުން ހިންގާ "ފަސްޓް ރެސްޕޮންޑާ ޓްރެއިނިން" ޕްރޮގްރާމް ފެށުމުގެ ގޮތުން ސްޓެލްކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވާޙަކަދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސިއްހީ ހިދުމަތް ދިނުމުގައި ސަރުކާރުން އަމާޒު ހިފާފައިވަނީ ހޭލުންތެރިކުރުމާއި ރައްކާތެރިވުމުގެ ގޮތުުން ކުރަންޖެހޭ ކަންކަމަށް އިސްކަންދިނުމަށް ކަމަށާއި އެއީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދާއިރާއަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ސިއްހީ ހިދުމަތް ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުންނަށް ފަސޭހަކަމާއެކީ ލިބިދެވޭ އަދި ކުއްލިި ނުރައްކާތެރި ހާލަތަކުގައި ވެސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސިއްހީ ދާއިރާއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ،" އަމީން ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ސިއްހީ ދާއިރާއާ ގުޅޭގޮތުން އާއްމުންގެ ކަންބޮޑުވުން އޮތް މިންވަރު އެނގިވަޑައިގަންނަވާ ކަމަށާއި ގޮންޖެހުންތަކާ އެކު ވެސް ނަތީޖާ ހާސިލްކުރުމާ ހަމައަށް ދާނެ ކަމަށާއި ބަދަލު ފެންނަ ވަރަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ފެށި ތަމްރީނު ޕްރޮގްރާމުގައި 1200 އަށްވުރެ ގިނަ ޑްރައިވަރުންނަށް ތަމްރީނު ދޭނެ އެވެ. ހަތް ގަޑިއިރަށް ހިންގާ ތަމްރީނުގައި ސީޕީއާރު ދޭނެ ގޮތާއި ފިހިފައި ތިބޭ މީހުންނާ ދޭތެރޭ އަމަލުކުރާނެ ގޮތާއި ހޭނެތިފައި ތިބޭ މީހުންނާ މެދު އަމަލުކުރާނެ ގޮތްތައް ކިޔައިދޭނެ އެވެ.