ސްވިޑުން އިން ރާއްޖޭގެ އޮނަރަރީ ކޮންސުލް އަކަށް މަރީ

ސްވިޑުން އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް އަކަށް، މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު މަރިޔަމް ވަހީދާ ހަމަޖައްސައިފި އެވެ.


ސްވިޑުން އިން މަރިޔަމް ވަހީދާ އެ މަގާމަށް ހަމަޖެއްސުމުން ފޮރިން މިނިސްޓްރީން މިއަދު ވަނީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުއްދަ (އެކްސްއީކުއޭޓާ) ދީފަ އެވެ. އެ ހުއްދަ މަރީއާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓްރީގައި މަރިޔަމް ވަހީދާއާ ބައްދަލުކުރައްވައި ހުއްދަ ހަވާލުކުރެއްވުމަށް ފަހު އެ ބައްދަލުވުމުގެ ފޮޓޯތަކާ އެކު ޝާހިދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ މަރިޔަމް ވަހީދާއާ ހުއްދަ ހަވާލުކޮށްދެއްވުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

މަރީ އަށް ޕީއެސްއެމްގެ ބޯޑު މެމްބަރުކަން ލިބިވަޑައިގެންނެވީ ވެސް ދާދި ފަހުންނެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިވް ކޯޕަރޭޝަން (އެމްއެންބީސީ) ގެ މެމްބަރުކަން ކުރައްވައިފަ އެވެ.