ޖޭއެސްސީގެ ތަހުގީގަށް އެހީތެރިކަން ދޭނަން: ސުއޫދު

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.


ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސް ސުއޫދު މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ގޭންގްތަކާއި ބައެއް ފަނޑިޔާރުންނާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެހެންވެ، ޖޭއެސްސީން ވަނީ އެކަމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލައި، އެކަން ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅިގެން ސުއޫދު ކުރެއްވި ޓްވީޓެއްގައިވަނީ އެކަން ބެލުމަށް ޖޭއެސްސީން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި ޝަރުއީ ދާއިރާ އިސްލާހުކުރެވޭނީ އެފަދަ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އަދި އެކަމުގައި އޭނާގެ އެހީތެރިކަން ދެއްވާނެ ކަމަށް ސުއޫދުގެ ޓްވީޓްގައިވެ އެވެ.

ސުއޫދުގެ ޓްވީޓް

ސުއޫދުގެ ތުހުމަތުތައް ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އައްޔަން ކުރައްވައި، އެ ކޮމެޓީގެ މަސައްކަތްތައް އަވަހަށް ކުރިއަށް ގެންދަން އެ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި އެކަމުގެ ހަގީގަތް ބެލުމަށް ސުއޫދާއި ތަހުގީގީ އިދާރާތަކުގެ ކިބައިން ވެސް މައުލޫމާތު ހޯދަން އެ ކޮމެޓީން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ސުއޫދު ވިދާޅުވިއިރު، ސުއޫދުގެ އެ ތުހުމަތުތަކާ ގުޅޭ މައުލޫމާތު ސުޕްރީމް ކޯޓަށް ދިނުމަށް އެ ކޯޓުން އެދުމުން އެކަމަށް އޭނާ އިންކާރު ކުރެއްވި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފަ އެވެ.