ރާއްޖޭގައި އެންމެ ގިނައިން އަނބު ހައްދާ ފުވައްމުލަކުގައި ވާލުގެ އުނދަގޫ ބޮޑުވެ އަނބު ލިބޭ މިންވަރު މި ފަހަރު ވެސް ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް އެ ސިޓީގެ ކައުންސިލުންނާއި ދަނޑުވެރިން އިއްޔެ ބުނެފި އެވެ.
ފުވައްމުލަކުން އަނބު ނުގެނެވޭ ނަމަ މާލޭގެ ބާޒާރުގައި އަނބުގެ އަގު ހުންނަނީ މަތީގަ އެވެ. އަހަރުގެ ދެ ދުވަސްވަރެއްގައި ގިނަ އަދަދެއްގެ އަނބު އެ ރަށުން ލިބެ އެވެ. ނަމަވެސް އެ ތިޔާގިކަން މިހާރު ވަނީ ކުޑަވެފަ އެވެ. އޭގެ ސަބަބު ގުޅެނީ ގިނަވެފައިވާ ވާލުގެ އުނދަގޫތަކާ އެވެ.
"އަނބު ގަހުގެ މާ ވެސް ކަނީ. އަނބެއް އަޅާއިރަށް ކަނީ. ހުތް އަނބު ވެސް، ދޮން އަނބު ވެސް ކަނީ،" ފުވައްމުލަކު ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަ މުހައްމަދު ހަސަން ވިދާޅުވި އެވެ.
"އަނބުގަހުގައި ހުންނަ ޅަ ކުރި ވެސް ކަނީ. ވާލުގެ ކަންކަން މިހާރު މިވަނީ ވަރަށް ބޮޑުވެފައި."
އަށެއްކަ ހާސް އަނބު ގަސް ހުންނަ ފުވައްމުލަކު ކައުންސިލުން ބުނިގޮތުގައި މީގެ ކުރިން އަނބު މޫސުމެއްގައި އެރަށުން މިލިއަނަކާ ގާތްކުރާ އަދަދަކަށް އަނބު ލިބެ އެވެ. ނަމަވެސް މި އަހަރުގެ މޫސުމުގައި އެ އަދަދު ދެ ބައިކުޅަ އެއްބަޔަށް މަދުވާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. މި އަހަރުގެ އަނބު މޫސުން ފެށޭނީ މި މަހުގެ ފަހުކޮޅު އެވެ.
ވާލުގެ އުނދަގޫ ކީއްވެ؟
މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާ ނަމަ ފުވައްމުލަކުގައި ވާ އުޅޭކަން ވެސް މީހަކަށް ނޭނގެ އެވެ. އޭގެ އުނދަގޫ އެއްގޮތަކަށް ވެސް އޭރުގެ ދަނޑުވެރިންނަށް ލައްވައެއް ނުލަ އެވެ.
އެ ރަށު ބައެއް މީހުން ބުނާ ގޮތުގައި ވާ ގިނަވީ، ފުވައްމުލަކުގައި އަނބު ތިޔާގިވުމުން އެކަމާ ހަސަދަވެރިވި ބަޔަކު ސިއްރުން ގެނެސް ރަށުތެރެއަށް ދޫކޮށްލުމުންނެވެ.
ދިރާގުގެ އެންޓަނާ ޖެހުމުން އައްޑޫން ފުވައްމުލަކަށް ވާ ހިޖުރަކުރީ ކަމަށް ދެކޭ ބަޔަކު ވެސް އުޅެ އެވެ. ވާލަކީ ރޭގަނޑު ކާން ނުކުންނަ އިރު އަނދިރީގައި ތަންތަނާއި ކާތަކެތި ހޯދަން އަޑުގެ ބޭނުންހިފާ އެއްޗެކެވެ. އެހެންކަމުން ފުވައްމުލަކު ބައެއް މީހުން ބުނަނީ ދިރާގު އެންޓަނާ ޖެހުމާ އެކު އެ ރަށުގައި ވާ ގިނަވީ، އެހެން ސަރަހައްދުތަކުގައި އުޅޭ ވާތަކުން ފޮނުވާ ސިގުނަލްތައް ޖެހޭ ވަސީލަތަކަށް އެންޓަނާ ވުމުުންނެވެ.
އެކަމަކު އެންމެ ބޮޑަށް ގަބޫލުކުރެވޭ އެއް ސަބަބަކީ ރަށުން ކާޅު މަރާ ހުސްކުރުމުން ތިމާވެއްޓަށް އައި ބަދަލާ އެކު ވާލުގެ އާބާދީ ބޮޑުވުމެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ފުވައްމުލަކުން ކާޅު މަރާ ހުސްކުރުމުން ބައެއް ކަހަލަ ދަނޑުވެރިކަން ދަށްވެ އާމްދަނީއަށް ނުބައި އަސަރެއް ކުރި ކަމަށް، ބައެއް ދަނޑުވެރިން ބުނެ އެވެ.
ދަނޑުވެރިން ބުނާ ގޮތުގައި މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވާލުގެ އުނދަގޫ ވަނީ މާ ބޮޑުވެފަ އެވެ.
ގާތްގަނޑަކަށް 200 އެއްހާ އަނބުގަސް ބަލަހައްޓާ މުހައްމަދު ހަސަން ބުނީ މީގެ ކުރިން އަނބު މޫސުމެއްގައި ލައްކައެއްހާ ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން އެ އަދަދު 15،000ރ. އަށް ވުރެ ދަށް ކަމަށް އޭނާ ބުންޏެވެ.
"ވާލުގެ ކަންކަން އެހާ ބޮޑު. އެކިއެކި ބަލިތައް އެބަ އަޅާ. އެހެންވެ މަލެއް ނާޅާ. މިދިޔަ އަހަރުން ފެށިގެން ވަރަށް ދަށްކޮށް މިދަނީ،" އަނބުގެ ވިޔަފާރިކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުހައްމަދު ބުންޏެވެ.
"އަނބު ގިނަވެގެން ގަސް ދޮށަށް ވެރި، މި ރަށުން ރުފިޔާއަކަށް ވެސް އަނބެއް ނުވިއްކޭއިރު މާލެ ފޮނުވައިގެން އަނބެއް އެންމެ ދަށްވެގެން ފަސް ރުފިޔާއަށް ވިއްކޭ. މިހާރު އެވަރަށް އަނބެއް ނުލިބޭ."
ފުވައްމުލަކު ގިނަ ގޭގޭގައި އަނބު ގަސް ހުރެ އެވެ. އަދި އަނބު ވިއްކައިގެން އާމްދަަނީ ހޯދާ ގޭގޭގެ މީހުން ވާލުގެ ކިބައިން ސަލާމަތްވާން ރޭގަނޑު ހޭލާ ތިބެން ޖެހެ އެވެ. އެކަމަކު ގިނައީ ބިޔަ ބޮޑެތި ގަސްތައްކަމުން ބަލަހައްޓަން ވަރަށް ދަތިކަމަށް އެމީހުން ބުނެ އެވެ.
ވާލުގެ އުނދަގުލުން ސަލާމަތްވާން ދޭތެރެ ދޭތެރެއިން އެރަށަށް ސިފައިން ގޮސް ބަޑި ޖަހައިގެން ވާ މަރަ އެވެ. ނަމަވެސް އެއީ އަގު ބޮޑު ކަމަކަށް ވުމުގެ އިތުރުން ދާއިމީ ހައްލަކަށް ވެސް ނުވުމުން އެކަން އެހާ ބޮޑަށް ކުރިއަކަށް ނުގެންދެ އެވެ.
ވާލުގެ ކިބައިން އަނބުގަސްތައް ސަލާމަތް ކުރަން މިހާތަނަށް ހިންގި އެންމެ ކާމިޔާބު ޕްރޮގުރާމަކީ، ބައެއް ދަނޑުވެރިން ބުނާ ގޮތުގައި، އެގްރިކަލްޗާ މިނިސްޓްރީގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން “އަލްޓްރާ ސޮނިކް” އާލާތެއް ބޭނުންކުރުމެވެ. އެ އާލާތުގެ ބޭނުމަކީ ވާ ފެއްސުމެވެ. އެއިން ފޮނުވާ ސިގްނަލަކާ އެކު ވާލުން ފޮނުވާ އަޑުގެ ސިގްނަލްތައް އެކި ގޮތްގޮތަށް ބުރުއްސާލަ އެވެ. އެއާ އެކު ވާލަށް އުނދަގޫވެގެން އެ އުޅޭ ހިސާބެއް ދޫކޮށް ދަނީ އެވެ.
ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ވިދާޅުވީ އެ ސިސްޓަމް ހަރުކުރި ދުވަސްވަރު ވާލުގެ އުނދަގުލުން ސަލާމަތްވެވުނު ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމް މިހާރު ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކަށް ދިމާވެގެން އުޅޭ ވާލުގެ އުނދަގުލާ ބެހޭ ގޮތުން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.