ނަހުލާ ވާނީ ފިރިކަލުން ކަހަލަ ވަރުގަދަ ސިޔާސީ ލީޑަރަކަށް: އަދުރޭ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާނީ އެ ކަމަނާގެ ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ވަރުގަދަ ސިޔާސީ ލީޑަރަކަށް ކަމަށް ވިދާޅުވެ އޭނާ އަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މުއައްސިސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.


އަލަށް އުފައްދަން މަސައްކަތް ކުރާ ޕީއެންސީން ބޭއްވި ނިއުސް ބްރީފިންއެއްގައި، މި ސަރުކާރުގެ ތަރައްގީގެ ސްޕީޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ރައްޔިތުން ގަބޫލުކުރާ ކަހަލަ ތަރައްގީގެ މަސައްކަތެއް ފަށާފައި ނެތް ކަމަށެވެ. ނަމަވެސް، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރާ ގުޅިވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރެއްވޭތޯ މަސައްކަތް ކުރައްވާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އައިޝާ އަށް ތައުރީފު ކުރައްވައި އަދުރޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ ވަރުގަދަ ވަޒީރަކީ އައިޝާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ އަށް އަދުރޭ ތައުރީފް ކުރެއްވިއިރު، މިދިޔަ ހަފުތާގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ސިނަމާލެ ބްރިޖުގައި ދުއްވާއިރު ހެލްމެޓު އަޅަން މަޖުބޫރު ކުރުމާއި މީޓަރު ޓެކްސީ ތައާރަފުކުރަން ނިންމައިފަ އެވެ. އެއީ އާއްމުންގެ ގިނަ ބަޔަކު އެދެމުން ދިޔަ ކަމެވެ.

މި ސަރުކާރުގެ ކެބިނެޓަށް ނޮވެމްބަރު 17، 2018 ގައި އައްޔަން ކުރެއްވި އިރު އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި އެއް ބޭފުޅަކީ އައިޝާ އެވެ. ނަމަވެސް އެ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އޭނާ ކުރިން ވިދާޅުވީ ކަންކަން ރަނގަޅު ކުރެވޭނީ ފާޑުކިޔުންތަކަަށް ކުރިމަތިލައިގެން ކަމަށެވެ. އަދި ފާޑުކިޔުންތަކަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.