އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީން މިއަދު ނިންމައިފި އެވެ.

އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި "ވަރަށް ހޫނުކޮށް" ބަހުސް ކުރެއްވުމަށް ފަހު، 18 މެމްބަރުންގެ ވޯޓުން ފާސްކުރީ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ކައުންސިލް ބައްދަލުވުމަށް 30 މެމްބަރަކު ވަޑައިގެންނެވިއިރު، އެކަމަކު 12 ބޭފުޅަކު ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ބޭނުން ނުވާ ކަމަަށް ވޯޓު ދެއްވި އެވެ. 

"ޖޭޕީން ވަކިން މި އިންތިހާބުގައި ވާދަކުރަން ވެސް ހުށަހެޅި. އެކަމަކު އެ ކަމަކަށް ތާއީދެއް ނުލިބުނު،" ޖޭޕީގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ. 

ރިޔާސތުގައި އިންނެވުމުގެ ސަބަބުން ގާސިމް އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވަ އެވެ. 

އެ ނިންމުންތަކާ އެކު، މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރޭނީ އެ ޕާޓީގެ ލީޑަރު ގާސިމްގެ ދާއިރާ މާމިގިލި ދާއިރާ އަށް ކަމަށް ވެސް މިއަދު ފާސްކުރި އެވެ.

"ވަރަށް ދިގުކޮށް، ހޫނުކޮށް ބައްދަލުވުން ނިމިގެން ދިޔައީ،" މައުލޫމާތު "މިހާރު" އާ ހިއްސާކުރެއްވި ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"އެމްޑީޕީ ވެސް އެ އޮތީ ބައިބައި ވެފައި. އެމްޑީޕީއާ އެކު ގޮސްގެން އަޅުގަނޑުމެން ޖޭޕީ އަށް ލިބޭނެ ވަކި މޮޅެއް ނެތް. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީން ކަންތައް ކުރީ ރަނގަޅަކަށް ނޫން."

"މިހާރު" އާ ވާހަކަ ދެއްކެވި ޖޭޕީގެ ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ލީޑަރަށާއި ޕާޓީ އަށް ވެސް އެންމެ ރަނގަޅު ގޮތަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނާ އެކު ދެމިތިބުމެވެ. 

ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއިދުކުރަން ޖޭޕީން ނިންމިއަސް، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާށެވެ.

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، ގާސިމް ގެންދަވަނީ މި ސަރުކާރުގެ ހުރިހާ ކަމަކަށް ވެސް ތާއީދު ކުރައްވައި، ސަރުކާރާ އެކު ހުންނެވިކަން ހާމަކުރައްވަމުންނެވެ. 

ކައުންސިލް އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުވާލައިފަ އެވެ. އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރު ފަހު 3:30 ގެ ނިޔަލަށް އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.