އަންނަ އޭޕްރީލް މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އީސީން ކުރި އިއުލާނުގައި ބުނީ އެ ދެ އިންތިހާބުގައި ވާދަކުރަން ބޭނުން ނަމަ، އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރު ފަހު 3:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އީސީން ބުނި ގޮތުގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރަތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކަން ޖެހޭނީ ކޮމިޝަނުގެ ޕޯޓަލް my.elections.gov.mv އިންނެވެ.
އީސީން ބުނީ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާ މެދު ނިންމާ ގޮތެއް ކެންޑިޑޭޓުންނަށް އަންގާނީ ވެސް އެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އޮންލައިންކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 3:30 އަށް ކަމަށާއި ހުކުރު ދުވަސްތަކުގައި 3:30 އިން އިރުއޮއްސި 6:00 އާ ހަމައަށް ފޯމު ހުށަހެޅޭ ކަމަށް ވެސް އީސީން ބުންޏެވެ.
އެ އިންތިހާބުގައި ރަށު ކައުންސިލުގެ ރައީސުންނާއި ނައިބުން އަދި ކައުންސިލަރުންގެ އިތުރުން ސިޓީތަކަށް މޭޔަރުންނާއި ކައުންސިލަރުން ހޮވާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް މެމްބަރުން ހޮވާނެ އެވެ.
މި ދެ އިންތިހާބުގެ ވޯޓާސް ލިސްޓު މިމަހުގެ 8 ވަނަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.