އަންނަ މަހު ރިލީޒްކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އަށް ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރާނެ އެއް ސަބަބަކަށް ވާނީ މި ފިލްމުން އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ ޖޯޑު ވަރަށް ގިނަ އަހަރުތަކަކަށް ފަހު ފެނުމެބެ.
"ތޭޒާބް" އާއި "ރާމް ލަކަން" އަދި "ޕުކާރް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ މީގެ 18 އަހަރު ކުރިން ރިލީޒްކުރި "ލައްޖާ" އިންނެވެ.
އިންދަރު ކުމާރު ގެނެސްދޭ ހެއްވާ މަޖާ ފްރެންޗައިޒް "ދަމާލް" ގެ ތިން ވަނަ ބައިގެ ގޮތުގައި ގެނެސްދޭ "ޓޯޓަލް ދަމާލް" ގެ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު، ފިލްމުގެ ޓްރެއިލާ މި މަހުގެ 21 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން، ޖާވިދު ޖެފްރީ، އަރުޝަދު ވަރްސީ، ރިތޭޝް ދޭޝްމުކް، ޖޯނީ ލީވާ އަދި ސަންޖޭ މިޝްރާ ހިމެނެ އެވެ. އަންނަ މަހުގެ 22 ގައި ރިލީޒް ކުރާ މި ފިލްމުގެ ހާއްސަ ލަވައަކުން ސޮނާކްޝީ ސިންހާ ވެސް ފެނިގެން ދާނެ އެވެ.
"ދަމާލް" 2007 ގައި ގެނެސް ދިނުމަށް "ޑަބަލް ދަމާލް" ގެނެސް ދިނީ 2011 ގަ އެވެ. "ޓޯޓަލް ދަމާލް" އަކީ މަދޫރީ އާއި އަޖޭ އަދި އަނިލް މި ސީރީޒްއާ ގުޅުނު ފުރަތަމަ ފަހަރެވެ.
"ފޮޓޯގްރާފް" މާޗް 8 ގައި
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2013 ގެ "ދަ ލަންޗް ބޮކްސް" ގެނެސް ދިން ކުޅަދާނަ ޑައިރެކްޓަރު ރިތޭޝް ބަޓްރާގެ އާ ފިލްމު "ފޮޓޯގްރާފް" އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އާންމުކޮށް މި ފިލްމު ބަލައިލަން އޯޑިއަންސަށް ލިބުމުގެ ކުރިން މި މަހުގެ ތެރޭގައި ފަށާ ސަންޑާންސް ފިލްމު ވެސްޓިވަލާއި އަންނަ މަހު ބާއްވާ 69 ވަނަ ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި "ފޮޓޯގްރާފް" ޕްރިމިއާ ކުރަން ވަނީ ހަމަޖައްސައިފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" ބަތަލާ ސާނިއާ މަލްއުތުރާ އާއި ނަވާޒުއްދީން ސިއްދީގީ އެވެ.
"ފޮޓޯގްރާފް" ކިޔައި ދޭނީ ކާމިޔާބު ފޮޓޯގްރާފަރަކަށް ވާން މަސައްކަތް ކުރާ ފިރިހެނަކު ކައިވެނި ނުކޮށްގެން އޭނާގެ މާމަ ކުރާ ޕްރެޝަރުތަކާ ހެދި ދިމާވާ ހާދިސާތަކެވެ. މި މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ދެން ނަވާޒުއްދީނާއި ސާނިޔާ ދިމާވެ އެވެ.
ވިކްރަމް ބަޓްރާގެ
އިންޑިއާގެ ކަރްގިލް ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުރީގެ އަސްކަރީ އޮފިސަރު ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ޝޫޓިން އަންނަ އެޕްރީލް މަހު ފަށާނެ ކަމަށް ވިކްރަމްގެ ރޯލް ކުޅޭ ސިދާތު މަލްއުތުރާ ބުނެފި އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނެތަސް މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ސިދް ބުނީ އޭނާ މިހާރު ފިލްމަށް ތައްޔާރު ވާން ވެސް ފަށައިފި ކަމަށާއި ފިލްމުގެ ޝޫޓިން ފަށަން މިހާރު ކެތްމަދުވެފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ވިކްރަމް ބަޓްރާގެ ބައޯޕިކްވެގެން ދާނީ ހަނގުރާމަތީގެ ގިނަ މަންޒަރުތަކެއް ފެނިގެން ދާނެ ފިލްމަކަށެވެ. އަދި ތަފާތު އެކި ކަހަލަ ހަތިޔާރުތަކާ ކުޅެން މި ފިލްމުން ފުރުސަތު ލިބޭތީ އެކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ސިދްއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ އޭނާ މިހާރު ހިތާވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ބަތަލާ ކިއާރާ އަދުވާނީ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.
ސިދްގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ "ޖަބަރިޔާ ޖޯޅީ" އާއި "މަރްޖާވާ" އެވެ.
"ކަލަންކް" ގެ ޝޫޓިން ނިންމާލައިފި
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ ޝޫޓިން ނިންމާލައިފި އެވެ.
އަންނަ އެޕްރީލް މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ 2014 ގެ "2 ސްޓޭޓްސް" ގެނެސް ދިން ޑައިރެކްޓަރު އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ "ކަލަންކް" ލީޑް ތަރިންނަކީ މަދޫރީ، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރެވެ.
މީގެ އިތުރުން މި ފިލްމުން ކުނާލް ކޭމޫ، ކިއާރާ، ކްރިތީ ސެނަން، މީރާ ޗޯޕްޅާ އަދި ޓީވީ އެކްޓަރު ހިތޭޝް ތޭޖްވާނީ ފަދަ ތަރިންގެ ހާއްސަ ފެނިލުންތަކެއް ހިމެނޭނެ އެވެ. "ކަލަންކް" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.