އަންނަ މަހު ރިލީޒްކުރާ ފިލްމު "ކަލަންކް" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.
ޕްރިތަމް މިއުޒިކް ހަދާފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ ފުރަތަމަ ދޫކޮށްލި ލަވައަކީ "ގަރް މޯރޭ ޕަރުދޭސިޔާ" އެވެ. އިންޑިއާގެ ސަގާފީ ގޮތްގަނޑު ބޮޑު މި ލަވަ ކިޔާފައި ވަނީ ޝްރެޔާ ގޯޝަލް އާއި ވައިޝާލީ މާޅޭ އެވެ. ލަވައިގެ ޅެން ހެދީ އަމީތާބް ބަޗަރިއާ އެވެ.
ހިތްގައިމު ސެޓްތަކެއްގައި މަންޒަރުތައް ނަގާފައިވާ "ގަރް މޯރޭ ޕަރުދޭސިޔާ" ގެ ވީޑިއޯ އިން ފެންނަނީ އާލިއާ ބަޓާއި މަދޫރީ ޑިކްސިޓްގެ އިތުރުން ވަރުން ދަވަން އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ "ކަލަންކް" އަކީ 1940 ގައި ހިނގާ ހާދިސާއެއް ކިޔައިދޭ ޕީރިއަޑް ޑްރާމާއެކެވެ.
އަންނަ މަހުގެ 17 ގައި ރިލީޒްކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރް ހިމެނެ އެވެ.
"ކަލަންކް" އަކީ ކަރަންގެ ދަރުމާ އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްޅާގެ "ކޭސަރީ" އެވެ.
ވިވެކްގެ ތަފާތު ލުކްތަކެއް
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގައި އޭނާ ފެނިގެން ދާނެ ތަފާތު ލުކްތަކެއް ދައްކާލައިފި އެވެ.
އޮމަންގް ކުމާރު ޑައިރެކްޓް ކުރާ ފިލްމުގައި މޯދީގެ ތަފާތު އެކި ދުވަސްވަރު ދައްކުވައި ދޭނެ އެވެ. ފިލްމުގެ ޓައިޓްލް ރޯލް ވިވެކް ކުޅޭ އިރު، މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒަރީނާ ވައްހާބް، ބޮމަން އިރާނީ، ބަރްކާ ބިޝްޓް، ދަރުޝަން ކުމާރު، ރަޖެންދުރަ ގުޕްތާ އަދި މަނޯޖް ޖޯޝީ ފަދަ ތަރިން ހިމެނެ އެވެ.
"ޕީއެމް ނަރެންދުރަ މޯދީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 12 ގަ އެވެ.
މަދޫރީގެ "ފިފްޓީންތު އޮގަސްޓް" މި މަހު 29 ގައި
މަދޫރީ އާއި އޭނާގެ ފިރިމީހާ ޑރ. ސްރީރާމް ނޭނޭގެ ފިލްމު ކުންފުނި އާރްއެންއެމް އިން ނެޓްފްލިކްސްއާ ގުޅިގެން މަރާޓީ ބަހުން ގެނެސްދޭ ފުރަތަމަ ފިލްމު "ފިފްޓީންތު އޮގަސްޓް" މި މަހުގެ 29 ގައި ސްޓްރީމް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މަދޫރީ ވަނީ ފިލްމުގެ ޓްރެއިލާ ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. މި ފިލްމުގައި ކިޔައި ދޭނީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އޮގަސްޓް 15 ވަނަ ދުވަހު ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން އާއިލާއަކަށް ދިމާވާ ކަންތައްތަކެވެ.
"ފިފްޓީންތު އޮގަސްޓް" ގެ ތަރިންނަކީ ރާހުލް ޕީތު، ރިންމާއީ ދޭޝްޕާންޑޭ އަދި އަދިނާތު ކޮތާރޭ އެވެ.
އަޖޭގެ ފުޓްބޯޅަ ފިލްމު އަންނަ އަހަރު
ބޯނީ ކަޕޫރް ޕްރޮޑިއުސް، އަޖޭ ދޭވްގަން އިންޑިއާގެ ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ކުރިން މަޝްހޫރުވި ސައީދު އަބްދުލް ރަހީމްގެ ރޯލް ކުޅޭ ފިލްމު އަންނަ އަހަރު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
އަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށާ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމުގެ ސިނަމާތަކަށް ގެންނާނެ ސީދާ ތާރީހެއް އަދިއެއް ހަމަނުޖައްސަަ އެވެ.
މި ފިލްމުގެ ބަަތަލާއަކަށް ހަމަޖައްސާފައި ވަނީ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް އެވެ. ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު "ބަދާއީ ހޯ" ގެނެސް ދިން އަމިތު ޝަރުމާ އެވެ.
މި ފިލްމުގެ މަންޒަރުތައް އިންޑިއާގެ ކަލްކަތާ، ނިއު ދިއްލީ، ލަކްނޫ، އަދި މުމްބާއީގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަމް، އިންޑޮނީޝިއާގެ ޖަކާޓާ އަދި އިޓަލީގެ ރޯމްގައި ވެސް ނަގާނެ އެވެ.
ސައީދު ވަނީ 1950-1963 އަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމާއި މެނޭޖަރުކަން ކޮށްފަ އެވެ. އެ ދައުރުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމް 1956 ގެ އޮލިމްޕިކްސްގައި ވެސް ވާދަކުރި އެވެ.