ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ ހުރިހާ ތަނެއް އެއް ވިއުގާ އަކުން ގުޅުވައިލުމުގެ އެއްބަސްވުމެއްގައި ހެލްތު މިނިސްޓްރީ އާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ ހުރިހާ ތަނެއް އެއް ވިއުގާ އަކުން ގުޅުވައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.
މި މަޝްރޫއުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ސިއްހީ ޚިދުމަތް ދޭ ހުރިހާ ތަނެއް ފައިބާ ކޭބަލް މެދުވެރިކޮށް ގުޅައިލާނެ އެވެ. އޭރުން ހެލްތު މިނިސްޓްރީގެ ސޮފްޓްވެއާތައް ވެސް އެހެން ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ވަގުތުން ބޭނުން ކުރެވޭނެ އެވެ.
އެއްބަސްވުމުގައި ވާ ގޮތުން، ސަރުކާރުން ހިންގާ ސިއްހީ ޚިދުމަތް ދޭ ތަންތަން ގުޅުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހެލްތު މިނިސްޓްރީންނެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަނަލް ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޒިންމާ އަކީ އެކަމަށް ބޭނުންވާ ތަމްރީނުތަކާއި ފަންނީ އެއްބާރުލުން ދިނުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖެ އިން ލިބޭ ސިއްހީ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާ ބީރަށްޓެހި ކަމަށާއި އެ ގޮތް ކަނޑައިލުން މުހިއްމު ކަމަށެވެ. އަދި ޚިދުމަތްތައް އެއް ވިއުގާ އަކުން ގުޅުވަލުމުން، ސިއްހީ ޚިދުމަތް ފޯރުކޮށް ދޭ ފަރާތްތަކަށާއި ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[އެއް ވިއުގާ އަކުން ގުޅާލުމުން] އަލަށް ތައާރަފް ކުރެވޭ ސޮފްޓްވެއާތަކާއި އަލަށް ބޭނުން ކުރެވޭނެ ޓެކްނޮލޮޖީ ވަސީލަތްތަކުގެ އެހީގައި، ސިއްހީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ނުވަތަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަދި ސިއްހީ ހިދުމަތުގެ އެކި އެކި ކަންކަމުގައި ބައިވެރިވަޑައިގަންނަވާ ފަރާތްތަކަށް ވަރަށް ބޮޑަށް ލުއި ލިބިގެން ދާނެ،" އަމީން ވިދާޅުވި އެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ތަފާތު ދާއިރާތައް ޓެކްނޮލޮޖީގެ ވަސީލަތްތަކުން ގުޅުވާލާފައި ނެތުމުން، އިދާރީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެހެންވެ، އެ ކަންތައް ހައްލު ކުރުމަށް އެކި ދާއިރާތަކަށް ލިބިފައިވާ މައުލޫމާތު ހިއްސާ ކުރާނެ ނިޒާމެއް ޚަރަދު ކުޑަ ގޮތަކަށް ގާއިމް ކުރުގެ މުހިއްމުކަން މަލީހް ފާހަގަ ކުރެއްވި އެވެ. އަދި މިފަދަ ކަމެއް އެހެން މިނިސްޓްރީ އަކުން ކުރަން ނިންމައިފި ނަމަ، އެ ކަމަށް އޭނާގެ މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް މަލީހް ވިދާޅުވި އެވެ.