ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނި ގޮތުގައި އެ ފޯރަމް އޮންނާނީ ހޯމަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގަ އެވެ. ފޯރަމް ފަށާނީ 8:45 ގަ އެވެ. މި ފޯރަމްގައި، ކަމާގުޅުން ހުރި މިނިސްޓްރީތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ފޯރަމްގައި ބައިވެރިވާން ފިލްމީ ދާއިރާގެ ހުރިހާ ފަންނާނުންނަށް އެންސީއޭ އިން ވަނީ އާންމުކޮށް ދައުވަތު ދީފަ އެވެ.
އޭގެ ތެރޭގައި ފިލްމު ކުޅޭ މީހުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަަރުންނާއި ސްކްރީން ރައުޓަރުުންނާއި ސިނޮމޮޓޯގްރާފަރުންނާއި އެޑިޓަރުންނާއި އެނިމޭޓަރުންނާއި ނެށުންތެރިންނާއި މޭކަޕް އާޓިސްޓުން ފަދަ ފިލްމީ ދާއީރާއާ ގުޅުން ހުރި މަސައްކަތްތައް ކުރާ މީހުން ހިމެނެ އެވެ.
އެންސީއޭ އިން ބުނި ގޮތުގައި ފިލްމީ ދާއިރާގެ ފަންނާނުންނަށް ބާއްވާ ފޯރަމަކީ އެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން ފިލްމީ ފަންނާނުންގެ ހިޔާލު ހޯދަން ބާއްވާ ފޯރަމެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިދިޔަ އަހަރު ފިލްމީ ދާއިރާގެ ފަންނާނުންނާ ކަމާ ގުޅުން ހުރި އެކި މުއައްސަސާތަކުން ބައްދަލުކޮށްފައިވެ އެވެ. އެގޮތުން ފިލްމު ހެދުމަށް ލޯން ދޫކުރުމާއި ފިލްމާއި ޑޮކިއުމަންޓްރީ ހަދަން ޝައުގުވެރިވާ މީހުންނަށް ތަމްރީނު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ސަރުކާރުން ވެސް ފަންނާނުން ކުރިއެރުވުމަށް މަސައްކަތްތައް ކުރަން ނިންމާފައިވާ އިރު، މިދިޔަ ހަފުތާގައި ވަނީ މިއުޒިކީ ފަންނާނުންނާ އެކު ފޯރަމެއް ބާއްވައި އެ މީހުންގެ ހިޔާލު ވެސް ހޯދައިފަ އެވެ.