އިމާރާތްތަކުގައި ރަނގަޅަށް ހަކަތަ ބޭނުންކުރުމާ ބެހޭ ގައިޑްލައިނެއް ހަދަނީ

އިމާރާތްތަކުގައި މިހާރަށް ވުރެ ރަނގަޅަށް ހަކަތަ ބޭނުން ކުރާނެ ގައިޑްލައިނެއް ހަދަން ބަޔަކާ އިއްޔެ ހަވާލުކޮށްފި އެވެ.


އެންވަޔަރަމެންޓު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެން ރަޝީދެވެ. މަސައްކަތާ ހަވާލުވި "ޕްރައިސް ވޯޓާ ހައުސް ކޫޕާސް" ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޕްރަސާންތާ ކުމާރު މިސްރާ އެވެ.

ސޮއިކުރާ ދުވަހުން ފެށިގެން 11 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގައިޑްލައިނާ ބެހޭ ގޮތުން މިނިސްޓަރު ހުސެން ވިދާޅުވީ މި ގައިޑްލައިންގައިވާ ގޮތަށް ކަންތައް ކުރުމުން، ރާއްޖޭގައި ހަދާ އިމާރާތްތަކާއި މިހާރު ހަދާފައި ހުރި އިމާރާތްތަކުގައި ވެސް ހަކަތަ ބޭނުންކުރުން މަދުވާނެ ކަމަށެވެ. ނަމަވެސް މިއީ އަމަލުކުރުން މަޖުބޫރު ގައިޑްލައިނެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު މަތީ މިންވަރަކަށް ހަކަތަ ބޭނުންކޮށްގެން ކުރާ ކަންކަން، މި ގައިޑްލައިނަށް އަމަލުކުރުމުން މާ ބޮޑަށް ވެސް މަދުވެގެން ދާނެ އެވެ.

މިއީ ޖައްވަށް ބޭރުކުރާ ކާބަން ގޭހުގެ މިންވަރު މަދުކުރުމަށް އދ.ގެ ތިމާވެއްޓާބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް) ގުޅިގެން ހިންގާ "ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް" އިން ހިންގާ މަޝްރޫއެކެވެ.

ޕްރައިސް ވޯޓާ ކޫޕާސްގެ ޕާޓްނަރު އަމިތު ކުމާރު މި ރަސްމިއްޔާތުގައިވިދާޅުވީ މި ގައިޑްލައިން ތައްޔާރުކުރާ އިރު ރާއްޖޭގެ އިމާރާތްތަކުގައި މިހާރު ހަކަތަ ބޭނުންކުރާ މިންވަރު ދެނެގަންނަން ދިރާސާއެއް ހަދާނެ ކަމަށެވެ. އަދި މިހާރު ހަކަތަ އިސްރާފުވާ މިންވަރު ދެނެގަނެ، އެ އަދަދު މަދުކުރަން ކުރެވޭނެ ކަންތައްތައް އެ ގައިޑްލައިންގައި ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހަކަތަ ބޭނުންކުރުމަށް، ބޭސް ލައިނެއް (އެންމެ މަދުން ބޭނުން ކުރާނެ މިންވަރެއް) ކަނޑައަޅަން. އެއަށް ފަހު އަޅުގަނޑުމެން ލަފާ ދޭނީ މިހާރު އިސްރާފުވަމުންދާ ހަކަތަ އަލުން ބޭނުން ކުރެވޭނެ ގޮތްތަކާ މެދު،" އަމިތު ވިދާޅުވި އެވެ.