އިންޑިއާ އިން ރާއްޖެ އަށް ދެ ލައްކަ ލެޑް ބޮކި ހަދިޔާކުރަނީ

އިންޑިއާ އިން ރާއްޖެ އަށް ދެ ލައްކަ ލެޑް ބޮކި ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މާލޭގެ މަގުތަކުގައި ލެޑް ލައިޓް ހަރުކުރުމުގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހުސެން ވިދާޅުވީ އިންޑިއާ އިން ހަދިޔާކުރާ މި ބޮކިތައް ބަހާނީ ގޭބިސީތަކަށް ކަމަށެވެ.

"އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިވެ ދިން އީއީއެސްއެލް [އިންޑިއާގެ އެނާޖީ އެފީޝިއެންސީ ސާވިސަސް ލިމިޓެޑް] ކުންފުންޏަށް ވަރަށް ބޮޑަށް އަޅުގަނޑުމެން ސަރުކާރާއި ދިވެހިންގެ ފަރާތުން ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ އިިންޑިއާގައި ކާމިޔާބުކަމާއެކީ ކުރިއަށް ގެންގޮސްފައިވާ "އުންނަތު ޖޯތީ ބައި އެފޯޑަބަލް ލެޑްސް ފޮ އޯލް (އުޖާލާ)" އާއި "ސްޓްރީޓް ލައިޓިން ނެޝަނަލް ޕްރޮގްރާމް (އެސްއެލްއެންޕީ)" ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ނަމަވެސް މި މަޝްރޫއުގެ ދަށުން އެ ލެޑް ބޮކިތައް ބަހަން ފަށާނީ ކޮންއިރަކުން ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ތިމާވެއްޓާ ރައްޓެހި އަދި ގިނަ ދުވަހު ބޭނުންކުރެވޭ މި ބޮކިތަކަށް ބަދަލުކުރުމުން 66.61 މިލިއަން ކިލޯވޮޓްއަވާގެ ހަކަތަ ސަލާމަތްކުރެވޭނެ އެވެ. އެއީ 291 މިލިއަން ރުފިޔާގެ ހަކަތަ އެވެ. އަދި އެ ބޮކިތަކަށް ބަދަލުކުރުމުން ޖައްވަށް ދޫކުރާ ގްރީން ހައުސް ގޭސްތަކުގެ މިންވަރު އަހަރަކު 54،616 ޓަނު މަދުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދްރި ވިދާޅުވީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރަން ރާއްޖޭން މަސައްކަތްކުރާތީ އުފާ ކުރައްވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ މަޝްރޫއުތަކުގައި އިންޑިއާ އިން ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.