އައްޑޫގައި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ހަދަން ބަޔަކާ ހަވާލުކޮށްފި

އައްޑޫގައި އެނާޖީ ސްޓޮރެޖް ސިސްޓަމަކާއި އެނާޖީ މެނޭޖްމެންޓް ސިސްޓަމެއް ގާއިމް ކުރުމަށް ޖަޕާން ކުންފުންޏަކާ ހަތަރު މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.


ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ޖަޕާނުގެ ނިޝިޒަވާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން ބްރާންޗް މެނޭޖަރު ސުމިއޯ ފުޖިއޯކާ އެވެ.

މި މަޝްރޫއަށް ބޭނުންވާ ފައިސާގެ އެހީ ދީފައިވަނީ ޖަޕާނު ސަރުކާރުން ހިންގާ ޖަޕާން ފަންޑް ފޮ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) އިންނެވެ. މި މަޝްރޫއު ނިންމަން ޖުމްލަ 4,075,016 ރުފިޔާ ހޭދަ ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

މިއީ އައްޑޫގައި މި ވަގުތު ބޭނުން ކުރަމުން އަންނަ ފޮޓޯވޮލްޓޮއިކް (ޕީވީ) ޑީސަލް ހައިބްރިޑް ސިސްޓަމަށް ބޭނުންވާ ހަކަތަ ރައްކާ ކުރާ އަދި ރަނގަޅަށް ބަލަހައްޓައިދޭ ސިސްޓަމްތަކެކެވެ. ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމަކީ އިރުގެ ހަކަތަ އާއި ޑީސަލްގެ ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފައްދާ ސިސްޓަމެކެވެ. އެ ހައިބްރިޑް ސިސްޓަމުގެ ބޭނުމަކީ، ޑީސަލް ބޭނުންކުރާ މިންވަރު މަދުކޮށް، އިޔާދަކުރެވޭ ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރުމެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި މިވަގުތު އަވި ބޭނުންކޮށްގެން އުފައްދާ ހަކަތަ ރައްކާކުރެވޭނެ ސިސްޓަމެއް އެއް އަހަރު ތެރޭގައި ގާއިމް ކުރެވޭނެ އެވެ. އަދި މި ނިޒާމުގެ ސަބަބުން އަވި މަޑުވާ ދުވަސްތަކުގައި ކަރަންޓު އުފެއްދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި، އައްޑޫއަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އައްޑޫގައި މަސައްކަތް ކުރާނެ ފަންނީ މުވައްޒަފުންނަށް މި މަޝްރޫއުގެ ދަށުން ތަމްރީނު ފޯރުކޮށްދެވޭނެ އެވެ.

މި މަސައްކަތަކީ ރާއްޖެއިން ބޭރުން އެތެރެ ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި އަދި ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވި އެވެ.

"ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ ބޮޑު ބަޔަކީ، ޑީސަލް އަންދައިގެން އުފައްދާ ކަރަންޓް. ރާއްޖޭގެ އިންސްޓޯލް ކެޕޭސިޓީގައި ހިމެނޭ 400 މެގަވޮޓްގެ ތެރެއިން، ގާތްގަނޑަކަށް 2.7 ޕަސެންޓާ ގާތްކުރާ އަދަދަކީ ހަމައެކަނި ރިނިއުވަބަލް އެނާޖީ ނޫނިއްޔާ ސޯލާ އިން އުފައްދާ ކަރަންޓު،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި އެކި ވަރުގެ 14 ޑީސަލް ޖަނެރޭޓަރާއި، 1.6 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމަށް މި ބެޓަރީ ސްޓޮރެޖް ސިސްޓަމާއި އެނާޖީ މެނޭޖްމެންޓް ސިސްޓަމް ގުޅާލުމުން އައްޑު އަށް ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރުގެ މުޅި ޖުމްލަ 12.5 ޕަސެންޓަށް ދަށްވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މި ގާއިމްކުރާ ނިޒާމުން އައްޑު އަށް ކަރަންޓު އުފައްދާ އަދި ފޯރުކޮށްދެމުންދާ ނިޒާމަށް ކުރިމަތިވެފައިވާ ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.