ޓެބްލެޓުން ކިޔަވައިދެނިކޮށް ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ފެނުނު މައްސަލަ ފުލުހަށް

ކަލާފާން ސްކޫލުގެ ކްލާހެއްގެ ތެރޭގައި، ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދެނިކޮށް ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ފެނުނު ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓެބްލެޓުން ކިޔަވައިދެނިކޮށް 12 އަހަރުގެ އަންހެން ކުއްޖަކަށް ބަދުއަހުލާގީ މަންޒަރެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ގްރޭޑް ހަތެއްގެ އިނގިރޭސި ކްލާހެއްގައި ކިޔަވައިދެނިކޮށް ބަދުއަހުލާގީ މަންޒަރު ފެނުނު ދަރިވަރުގެ ބައްޕަ "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ ޓީޗަރު ބުނެގެން މޮބައިލް ފޯނާ ގުޅޭ ފައިދާތަކާއި ގެއްލުންތައް ހޯދަން ސާޗް ކުރަން އުޅެނިކޮށް ކަމަށެވެ.

"މީގެ ކުރިން ދުވަހެއްގައި އެޕްލިކޭޝަން ޑައުންލޯޑުކުރީ. ދެން އޭގެ ފަހުން ފޯނާއި ގުޅޭގޮތުން ސާޗުކުރަން ބުނީ. ދަރިވަރުން ކައިރީގައި މި ބުނީ ވަޓް އިޒް ދަ އެޑްވާންޓޭޖް އެންޑް ޑިސްއެޑްވެންޓޭޖް އޮފް މޮބައިލް ފޯންސް ޖަހާފައި ސާޗްކުރާށޭ. އޭގެ ފަހުން އައި ސާޗު ރިޒަލްޓުތަކެއްގެ ތެރެއިން ޓީޗަރު ބުނީ ވެބްސައިޓަކަށް ވަންނަން. އެގޮތަށް ވަންތަނާ ފެނުނީ ބަދުއަހުލާގީ މަންޒަރު ދައްކައިދޭ ތަން،" އެ ބެލެނިވެރިޔާ ބުންޏެވެ.

އެ ބެލެނިވެރިޔާ ވަނީ ޓެބްލެޓް ހިފައިގެން ގޮސް ސްކޫލް ޕްރިންސިޕަލަށް ދައްކައިފަ އެވެ. ނަމަވެސް ސްކޫލުގެ އިސްވެރިން ޓެބްލެޓް ބެލިއިރު އެ މީހުން ބުނާފަދަ އެކަށީގެންނުވާ ވަރުގެ އެއްޗެއް ނުފެންނަ ކަމަށް، އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު ހޯދަން ބޭނުންވާ ފިލާވަޅުގެ ބޭރުން އެހެނިހެން އެއްޗެހި ފެނުމަކީ އެދެވޭ ކަމަކަށް ނުވާތީ އެ އެޕްލިކޭޝަން ޓެބްލެޓުތަކުން ޑިލީޓްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ސާޗްކުރާ ލެސަންގެ ކޮންޓެންޓުގެ ބޭރުން އެއްޗެހި ފެނުން އެއީ އެދެވޭ ކަމެއް ނޫން. އެހެން އެޕްލިކޭޝަން ޑިލީޓްކޮށްލައި މިހާރު މި ކިޔަވައިދެނީ ހަމައެކަނި ގޫގުލް ކްލާސްރޫމުގެ ތެރެއިން" އޮފިޝަލް ވިދާޅުވި އެވެ.