އާ ގަވާއިދުގައި ބުނާ ކަންކަން ފުރިހަމަ ކުރަން ބްރޯޑްކާސްޓަރުންނާއި ރީ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި

އަލަށް އަމަލުކުރަން ފެށި ބްރޯޑްކާސްޓިން ގަވާއިދާއި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބުނާ މައުލޫމާތުތައް ތިން މަސް ތެރޭގައި ފުރިހަމަ ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.


އެ ކޮމިޝަނުން މި މަހުގެ ކުރީކޮޅު ވަނީ ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދަކާއި ރީ-ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދެއް އާންމުކޮށް، އަމަލުކުރަން ފަށައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ މި މަހު އަމަލުކުރަން ފެށި ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާއި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބައެއް މައުލޫމާތުތައް ތިން މަސް ތެރޭގައި ފުރިހަމަ ކުރަން ލާޒިމް ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ކަންކަން ފުރިހަމަ ކުރަން ހުރިހާ ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށް ސާކިއުލާގައިވެ އެވެ.

ތިން މަސް ތެރޭގައި ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ހިއްސާދާރުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލިޔުން ހުށަހެޅުމާއި ޖަވާބުދާރީވާނެ ފަރާތުގެ މައުލޫމާތުގެ އިތުރުން ބްރޯޑްކާސްޓް ކުރުމުގެ ނުވަތަ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ހިއްސާ ބަދަލު ކޮށްފައިވާ ނަމަ، އެ ބަދަލެއްގެ ތަފްސީލު ހުށަހެޅުން ވެސް ހިމެނެ އެވެ.