ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ކޮންޓްރޯލް ރޫމެއް: އާންމުން ޓީވީ ބަލައި ރޭޑިއޯ އަޑުއަހާ ވަރު ބަލަން ބްރޮޑްކޮމް އިން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ފެބުރުއަރީ 2025 - 15:32
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އާންމުން ޓީވީ ޗެނަލްތައް ބަލައި ރޭޑިއޯ ޗެނަލްތައް އަޑުއަހާ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.
ބްރޮޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނުން އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ބްރޯޑްކާސްޓަރުން އުފައްދާ ކޮންޓެންޓް އިތުރަށް މުއްސަނދިކުރުމަށް އެފަދަ ރެކޯޑެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މި މައުލޫމާތަކީ ކޮމިޝަންގެ ޕޮލިސީތައް ބައްޓަންކުރުމަށް ވެސް ވަރަށް މުހިންމު މައުލޫމާތެއް ކަމަށް ބްރޮޑްކޮމް އިން ބުންޏެވެ.
ބްރޮޑްކޮމް އިން ބުނީ އެ މައުލޫމާތު އެއް ކުރުމަށް ނިންމައި، އެ މައުލޫމާތު ގަވާއިދުން އެ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބްރޮޑްކޮމްގެ ރައީސް ސޮފާ ޝަފީގު ވިދާޅުވެފައިވަނީ ވިއުވާ އެންގޭޖުމަންޓަކީ ބްރޯޑްކާސްޓަރުންނަށް ވަރަށް މުހިންމު މައުލޫމާތެއް ކަމަށެވެ. އަދި ބްރޮޑްކާސްޓަރުން އެކަމަށް ވަރަށް ގިނައިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައުލޫމާތާ އެކު ޗެނަލްތަކުން ވިއުވާ އެންގޭޖްމަންޓަށް ބަލާ ކޮންޓެންޓް އުފައްދާ ތަރައްގީ ކުރެވޭނެ. ބެލުންތެރިން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ބައްޓަން ކުރެވޭނެ. މިއީ މިހާރު ނިއު މީޑިއާގައި ވެސް ހާމަކޮށް ފެންނަން ހުންނަ މައުލޫމާތު،" ސޮފާ ވިދާޅުވި އެވެ.
ބްރޯޑްކާސްޓް ކުރުން އަދި ރީ-ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ފަރުމާ ކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ލޯކަލް ކޮންޓެންޓް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ ކޮންޓެންޓް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވާއިރު، އާންމުން ޗެނަލްތައް ބަލާ މިންވަރު ދެނެގަތުމަށް މިފަދަ ރެކޯޑެއް ބެލެހެއްޓުމަކީ ބްރޯޑްކާސްޓް މީޑިއާތަކުގެ ކޮންޓެންޓް އިތުރަށް ފުޅާކޮށް ބައްޓަންކުރަން އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓީވީ ޓަވަރު
14 February 2025
ޓީވީއެއްހުރޭ އެކަމަކު މިހާރު އެއީ ބޭކާރު އެއްޗެއް އޭތި ޖައްސާލާނެ މީހަކުވެސް ނުވޭ.
މަލިކެ
14 February 2025
ބަދުއަޚުލާގީ އިސްތިހާރުތަކާ ލަވަތައް ބަލާކަށް ނޫޅެން. ދުވާލު ހަތަރުދަމު ސިޔާސީ މީހުން ޓީވީއަށް އަރައި ދޮގުހެދުމާ ނެތިމޮށޭ ޖަލްސާތަކާ އިންޓަވިއު ބަލާކަށް ނޫޅެން. މައްސަލަ ޖެއްސިޔަސް 'ކަމާބެހޭ' މީހުނަށް ކަމެއް ކުރެވުނީއެއްނޫން.
ލޮއްލަ
13 February 2025
ކުރީބައިގަ ބުނެލަން އަހުރެން ލޮއްލަތު، ޓީވީއެއް ނުބަލަން އަދި ރޭޑިއޯވެސް އަޑު ނާހަން. ވީޒަމާނެއް ބުނާންވެސް ނޭންގޭ. އެކަމު ފޯނުން ނޫސްކިޔަން. މިހާރު ނުސް އެކަނި.
ގުދުގުދާބެއްޔާ
13 February 2025
ތިޔަ ތަނުގެ ޓީވީއާއި ރޭޑިއޯ އަޑުހާނެ ބަޔަކުނެތް! މަ ކިޔަނީ މިހާރު އޮންލައިން ނޫސް! ޑެއިލީ އަޕްޑޭޓް ހޫނު ޚަބަރު ބަރާބަރަށް ކިޔޭ! މުޖުތަމަޢުގަ ހިގާކަންތައްތަކާ ބޭރުގެ ޚަބަރު ދުވަހުން ދުވަހައް އަޕްޑޭޓް ލިބޭ! ޓީވީ ބޭނުންކުރަނީ ނެޓްފުލިކްސް އިން ފިލުމުބަލަން!
ަސދފ
13 February 2025
ކޭތޯވެސް ބަލަންވީނު..
ޖަޕާން
13 February 2025
ކޮންމެ ޓީވީޗެނަލެއް އޮތީ ވަކިފިކުރަކަށް ހުސްވެފަ..ދޮގެއް ތެދެއް ނޭންގޭ..ރޭޑިއޯއަކަސް ހަމައެހެން..ހަބަރެއްގެ ދޮގުތެދު ސާފުނުވާނެ ހުރިހާ ޗެނަލެއް ބެލިޔަސް..އެހެންވެ ތިކަންކަން މިހާރު ނުކުރަން..
4
13 February 2025
ބަލައިފިއްޔާ އެނގިގެންދާނީ ތިޔަ ދެތަން އުވާލަންވެއްޖެކަން.
ދޭވީ
13 February 2025
އާންމު ޓީވީ ތައް ބެލެނީ ގިނަފައިސާ ހަރަދު ކޮށްގެން ކަމަށްވާތީ ޓީވީ ބަލާ މީހުން މަދުވެއްޖެއެވެ. ކުޑަހަރަދަކުން ނެޓްފިލިކްސް ސޮނީލިވްގެ ޗެނެލްތަށް ބަލާލެވެއެވެ. ހަބަރު އޮންލައިން ކޮށް ކިޔާލެވެއެވެ
އަހްމަދް
13 February 2025
މިހާރު ދިވެހިރާއްޖޭގެ އަޑުގެ ހަބަރުތައް އަޑު އަހާލީމަ ހިތައް އަރާ މީ ނޯތުކޮރެއާ ބާއޭ.. ސަރުކަރާ ރައީސަށް ސަނާ ކިއުމާ ހުޝާމަދު ކުރުން، އެހެން އެންމެނަށް ބަދުނާމާ ފުރައްސާރަ.. އެކަމަކު ރައްޔިތުންގެ ރޭޑިޔޮލޭ އިރުކޮޅުކޮޅުން ކިޔާ...
ގުދުގުދާބެއްޔާ
13 February 2025
ތިޔައީކޮންމެސަރުކާރެއް އޮތަސް ވާގޮތް! މައުމޫނުގެ ދުވަސްވަރު އަލީއަބްދުﷲ ކިޔާމީހަކު ވެއިތުވެދިޔަ ހަފްތާގެ ޚަބަރު މުޅިންވެސް "ރަޢީސުލް ޖުމްހުރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމްމޭ އަބަދުވެސްކިރަނީ!ރަށެއްގެ ޕުރިންސިޕަލްކު ދަރިވަރުންނާ މުޚާތަބްކޮއްވާހަކަ ދައްކަމުން"މިދޭތެރޭން ރަޢީސުލް ޖުމްހުރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވަޑައިގަތީއޭ ކިޔާފަ ވާހަކަދައްކަންހުރެ ކަހާލެވުނުގޮތަކުން ހުރިހާ ދަރިވަރުން ހިނިފަޅައިގެންވެސް ދިޔަ މިއީވެސްހިގިކަމެއް!
ހުވާމިބުނި
13 February 2025
ބަލާކަހަލަ އެއްޗެއް ދައްކާނަމަތާ ބަލާނީވެސް. އަދި އަމުދުން ޕސމ އެދައްކާ ބޮލައްތުރާވާ ލަވަޕްރޮގްރާމްތަކާ ފިލްމާ އުދަރެހާ ވީކެންޑްވައިބެކޯ ކިޔައިން އިނގިރޭސިނަންކިޔައިގެން އެތިބަހާވާހަޑި. އުވާލަންވެފަހުރިތަނެއްއެއީ. ރޭޑިއޯގަ ކުޑައިކޮށް މައުލޫމާތު ލިބޭކަހލަ ޕްރޮގްރާމްތައް ނެތެކޭނޫން.