ލަތީފް، ދިއްދޫ ދާއިރާ އަށް މިފަހަރު ވެސް ވާދަކުރައްވަނީ އަމިއްލަ ގޮތުން

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ދިއްދޫ ދާއިރާ އަށް މިފަހަރު ވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން، އެ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިންމަވައިފި އެވެ.


"ރައްޔިތުންގެ މެމްބަރު"ގެ ގޮތުގައި ލަތީފް ކެމްޕޭން ފެއްޓެވީ، އެ ދާއިރާގެ ރައްޔިތުންނަށް ފަސް ވައުދާ އެކު އެވެ. އޭނާ ދެ ވަނަ ދައުރަކަށް ހޮވައިފި ނަމަ، އެ ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ލަތީފް ވިދާޅުވި އެވެ.

ލަތީފްގެ އެއް ވައުދަކީ އެ ދާއިރާ އިން ތިން ޒުވާނަކަށް ޕައިލެޓް ކަން ކިޔަވަން މާލީ އެހީތެރިކަން ދެއްވުމެވެ. ތިން ޒުވާނަކަށް ނާސިން ކޯސް ފުރިހަމަ ކޮށްދިނުމާއި ދިއްދޫގައި ހާފިޒުން އުފެއްދުމަށް އެހީވުމާއި ރަށުގެ ގުރުއާން ކްލާސްތަކަށް ދެ ހާފިޒުން ގެންނެވުމަށް ވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެއާ އެކު، ދިއްދޫގެ އުތުރާއި ދެކުނުގައި އެންމެ ޒަމާނީ ފެންވަރުގެ އައުޓްޑޯ ދެ ޖިމް ގާއިމްކޮށްދީ ސުވިމިން ޓްރެކް އަޅައިދެއްވުމަކީ ވެސް ލަތީފްގެ ވައުދެކެވެ.

އޭނާ ވިދާޅުވީ "ދިއްދު އަށް ރަނގަޅު ވާނީ ހަމަ ލަތީފް" ކަމަށެވެ. ސަބަބުތައް ވެސް ދެއްކެވި އެވެ.

އެއް ކަމަކަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ގަވާއިދުން ހާޒިރުވި މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމެވެ. ދިއްދޫގެ ތަރައްގީ އަށް ބޭނުންވާ އެކިއެކި މަޝްރޫއުތައް ހިމެނުމަށް އަޑުހަރުކޮށް ވަކާލާތު ކުރުމާއި ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމައިދީފައި ވުމަކީ ވެސް އޭނާ ހޮވަން ޖެހޭ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި ގޭގެ އަށް ސާފުބޯފެން ފޯރުކޮށްދިނުމާއި ރަށުގެ ގިރާ ސަރަހައްދުގައި ބޮޑު ހިލަޖެހުމުގެ އިތުރުން ސިއްހީ، ތައުލީމީ، އިޖުތިމާއީ ދާއިރާގެ ތަރައްގީ އަށް ހިންގާފައިވާ މަޝްރޫއުތަކަކީ ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް، ސަރުކާރާ ވާހަކަ ދައްކަވައިގެން ފުރިހަަމަކޮށްދެއްވި ކަންކަން ކަމަށް ވިދާޅުވި އެވެ.

ދެން އޮތް ދައުރުގައި ވެސް މަސައްކަތް ކުރައްވާނީ، ލަތީފް ވިދާޅުވި ގޮތުގައި، ސަރުކާރާ ގުޅިގެން، ދިއްދޫގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ހާސިލްކޮށްދީ އާއްމުންގެ ދިރިއުޅުމަށް ލުއި ފަސޭހަކަން ގެނެސްދެއްވުމަށެވެ.

މީގެ ފަސް އަހަރު ކުރިން އަމިއްލަ ގޮތުން ދިއްދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގަތް ލަތީފް ފަހުން ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. އެކަމަކު، ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރައްވާ ކަމުގެ ތުހުމަތާ އެކު އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފެއްޓެވެމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.