އައްޑޫ ދާއިރާތައް އިތުރު ކުރުމުގެ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލުމުން އެ މައްސަލަ އަލުން ހުށަހަޅަން ނިންމައިފި އެވެ.


އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ ފައިވްރޯޒް، މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.

އެ މައްސަލާގެ މިއަދުގެ އަޑުއެހުމަށް ދައުވާކުރާ ފަރާތުން ހާޒިރު ނުވުމުން އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކޮށް، ހައި ކޯޓުން މިއަދު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލާގައި ދައުވާކުރާ ފަރާތުގެ ވަކީލް މަރިިޔަމް ޝުނާނާ ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ހާޒިރު ނުވެވުނީ އިދާރީ އޮޅުމަކުން ކަމަށާއި އެ މައްސަލަ އަލުން އާދިއްތަ ދުވަހު ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި މައްސަލަ އަލުން ހުށަހެޅުމަށް ފަހު، ކުރިން މައްސަލަ ގޮސްފައިވާ ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް ހައި ކޯޓުގައި އެދޭނެ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލިއިރު، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނަގާފައިވާ އިޖްރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމުމަށް މިއަދު އޮތީ ހަމަޖައްސައިފަ އެވެ.

ކޮމިޝަނުން ނަގާފައިވާ އިޖްރާއީ ނުކުތާއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގައި ބުނާ ފަދައިން ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައި ނުވާތީ އެ މައްސަލަ މިހާރު ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެވެ.