ކޯޓުގައި އިންތިހާބީ ޝަކުވާގެ ހަތް މައްސަލައެއް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ހަތް މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި އެވެ.


ހައި ކޯޓުން ބުނީ ހުށަހަޅާފައިވާ ހަތް މައްސަލަ ވެސް އައިސްފައި ވަނީ ތިމަރަފުށީ ދާއިރާއާ ގުޅޭ ގޮތުން ކަމަށެވެ. އަދި އެ ހުރިހާ ޝަކުވާ އަކީ ވެސް ވޯޓާސް ލިސްޓުގައި ނަން ނެތިގެން، ލިސްޓުގައި ނަން ހިމަނައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އެވެ.

ބެލެވޭ ގޮތުގައި، މި މައްސަލަތައް މާދަމާ އަށް ތާވަލްކުރާނެ އެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، އެ ލިސްޓާ މެދު ޝަކުވާއެއް އޮތް ނަމަ އެކަން ހުށަހަޅަން ދިން ފުރުސަތަށް ފަހު މި މަހުގެ 18 ގައި ވަނީ ދާއިމީ ލިސްޓް ގެޒެޓްކޮށްފަ އެވެ. އޭގައިވާ ގޮތުން، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264،442 އެވެ.

އިންތިހާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަނީ ހައި ކޯޓަށް އެކަންޏެވެ. މިފަދަ މައްސަލައެއްގައި އެ ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

މަޖިލީހުގެ 87 ދާއިރާ އަށް 387 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ލުމަށް 505 ފޮށި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބަހައްޓަން ނިންމައިފަ އެވެ.