ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް މަޖިލިހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ސ. ހުޅުދޫ ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެއްޖެ ނަމަ، އެ ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރު މަތިން މަޖިލިހަށް ހުށަހެޅި ނަމަވެސް މެމްބަރުން އެގޮތަށް ފާސް ކުރަން އޭރު ބޭނުމެއް ނުވި އެވެ.

ޝާހިދު ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވުމެވެ.

އެހެންވެ، ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އޮތުމަކީ ގާނޫނުއަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު ލާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަށަވަރު ކުރަން ކަމަށް ވެސް ޝާހިދު ހުށަހެޅުއްވި ބިލްގައިވެ އެވެ.

ޝާހިދުގެ އިސްލާހުގައިވާ ގޮތުން، ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ޝާހިދުގެ އިސްލާހު މިއައީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަނިކޮށެވެ.

ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރަހައިފި ނަމަ، ވޯޓު ބާތިލްވާ ގޮތަށް ކަނޑައެޅުން މާ ލަސްވެއްޖެ ކަމަށެވެ. މިއީ، މިހާރުން މިހާރަށް ފާސް ކުރަން ޖެހޭ އިސްލާހެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. އެކަމަކު، އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް، ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ ވެސް ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފަ އެވެ.