ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މިރެއާ ހަމައަށް އިތުރުކޮށްފި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލާން ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިރެއާ ހަމައަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.


ކުރިން އިއުލާން ކޮށްފައިވާ ގޮތުން، އެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 2:00 އަށެވެ.

އެކަމަކު، އީސީން މިހާރު ވަނީ މިރޭ 10:00 އާ ހަމައަށް އެފުރުސަތު އިތުރުކޮށްދީފަ އެވެ. އެ ކޮމިޝަނުން ބުނީ އެގޮތަށް ބަދަލު ގެނައީ ގިނަ ބަޔަކު އެ ކަމަށް އެދޭތީ ކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީކުރި ތަނަށް މި އާންމު އިންތިޚާބުގައި ވޯޓުލާ މީހުން ރީ-ރެޖިސްޓްރީވާކަން ނުޖެހޭނެ އެވެ. ރިޔާސީ އިންތިޚާބުގައި އެ މީހުން ވޯޓުލީ ތަނަކަށް، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލެވޭނެ އެވެ. ރީ-ރެޖިސްޓަރީވާން ޖެހޭނީ މިހާރު ރަޖިސްޓަރީ ވެފައިވާ ތަނަށް ބަދަލެއް ގެންނަން ބޭނުންވާ މީހުން އެކަންޏެވެ.

ވޯޓުލާން ރަޖިސްޓަރީވުމަށް ބޭނުންވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ. އަދި އެ ތަންތަނުން ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. މާލެއިން ނަމަ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ބާ ޖަމާލުއްދީނުގައި ހުންނަ އީސީގެ ބިއުރޯ އިން ނެވެ.

މިފަހަރުގެ އިންތިޚާބުގައި 396 އަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަން ވަނީ ހުށަހަޅާފަ އެވެ.