އައްޑޫގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫގެ ދާއިރާތައް އިތުރުކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.


އެނގިފައިވާ ގޮތުގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލްކުރަން ސިވިލް ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ ފައިވްރޯޒް، މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކިކޮށްދިނުމަށެވެ.

އައްޑޫގެ ދާއިރާތައް އިތުރު ކުރަން ހައި ކޯޓަށް ދެ ފަހަރެއްގެ މަތިން މައްސަލަ ހުށަހެޅި އެވެ. ނަމަވެސް މީގެ ކުރިން ހައި ކޯޓުގައި ތާވަލް ކުރި އަޑުއެހުމަށް، ދައުވާކުރާ ފަރާތުން ހާޒިރު ނުވުމުން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، އެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އީސީން އިޖުރާއީ ނުކުތާއެއް ނެގި އެވެ.

އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ނިންމީ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓުގައި ނެތް ކަމަށެވެ.

އިޖުރާއީ ނުކުތާއާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ ކޯޓުތަކުގެ ގާނޫނާއި ހައި ކޯޓުގެ ގަވައިދުގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައަކަށް ހުށަހެޅި މައްސަލަ ނުވާތީ މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނާއި ހައި ކޯޓުގެ ގަވައިދުގައި އެ ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެން ވަނީ ދެ ބާވަތެއްގެ މައްސަލައެކެވެ. އެއީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ގާނޫނުއަސާސީ އާއި ގާނޫނަކާ ތައާރަޒްވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަ އެވެ.