އޭސީސީ ރިޕޯޓް ރައީސަށް ކުރިއަކުން ނުލިބޭ: ތަރުޖަމާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިއްޔެ ހާމަކުރި ރިޕޯޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިން ލިބިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ޖަމާވިކަން ރިޕޯޓުން އެނގުމާ އެކު ރައީސް ވަނީ އެ ދެ ބޭފުޅުން އިއްޔެ އިން ފެށިގެން ސަސްޕެންޑް ކުރައްވައިފަ އެވެ. މަހްލޫފާއި އަކްރަމް ސަސްޕެންޑް ކުރީ އެ ދެބޭފުޅުންގެ މައްސަލަ ބަލައި ވަކި ގޮތެއް ނިންމެންދެނެވެ.

ރައީސްގެ އެ ނިންމެވުމާ ގުޅިގެން، ފާޑުކިޔާ މީހުންގެ ޝަކުވާ އަކީ ބޮޑު ހިޔާނާތާ ގުޅޭ ތަފްސީލީ ރިޕޯޓު އެމަނިކުފާނަށް ކުރިން ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހުންނެވުމަކީ މައްސަލައެއް ކަމަށެވެ. އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިޚުލާސްތެރިކަމާ މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ތަރުޖަމާން ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އޭސީސީން އިއްޔެ ހާމަކުރުމާ ހަމައަށް މި ސަރުކާރާ ފެނިފައި ނުވާ ކަމަށެވެ. އަދި ހޫދު ވިދާޅުވި ގޮތުގައި، އެ ރިޕޯޓުގެ ތަފްސީލްތައް ރައީސަށް ފުރަތަމަ ފަހަރަށް ފެނިވަޑައިގަތީ އިއްޔެ އެވެ.

އެމްއެޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭސީސީން ވަނީ އެ ރިޕޯޓް ސަރުކާރުގެ ބައެއް އިދާރާތަކަށް ފޮނުވާފައި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް ވެސް ހިމެނެ އެވެ.

ރޭ ބޭއްވި ހަފްލާއެއްގައި ރައީސް ވަނީ އެހާ ގިނަ ދުވަސްތަކެއް ވަންދެން އެ ރިޕޯޓް ހާމަނުކޮށް ބޭއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް ރޭ ވިދާޅުވީ ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށާއި އެއީ ސަރުކާރުގެ މުހިންމު ވައުދެއް ކަމަށެވެ.

ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމިތާ ދެ އަހަރު ވީއިރު ވެސް، އޭސީސީން ރިޕޯޓު އާންމުނުކޮށް އެތައް ދުވަހެއް ވަންދެން ބާއްވާފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ކުރިން އެކަމަށް އަމާޒުވި އެވެ. ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ތުހުމަތުތައް ގިނަ އެވެ.