ވިލިނގިލީ ބީއެމްއެލް ބްރާންޗް ފަޅާލި މައްސަލާގައި ސިމާދު ހައްޔަރުކުރި

ގއ. ވިލިނގިލީގައި އިއްޔެ މަރާލާފައި އޮއްވާ ފެނުނީ އެ ރަށުގެ ބީއެމްއެލް ބްރާންޗް ފަޅާލި މައްސަލާގައި މީގެ ކުރިން ހައްޔަރުކުރި މީހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.


އެނގިފައިވާ ގޮތުގައި ބޭންކް ފަޅާލައި 14 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ހަރުގެއެއްގެ ކައިރީގައި ޒަހަމްތަކާ އެކު މަރުވެފައި އޮއްވާ ފެނުނު ހުސެއިން ސިމާދު ވެސް ހިމެނެ އެވެ.

ޒަހަމްތަކަކާ އެކު އޮއްވާ ފެނުނަސް އޭނާ އޮތީ މަރާލާފައި ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ. އެކަަމަކު އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ސ. ހިތަދޫ ހިޔާލީގެ އުފަން ސިމާދު، 36، ކުރިން ކައިވެނިކޮށްގެން އުޅުނީ ވިލިނގިލީ މީހަކާ އެވެ. އޭނާ އަދިވެސް ދިރިއުޅެނީ އެ ރަށުގަ އެވެ.

ސިމާދުގެ މަރުގެ މައްސަލައިގައި ފުލުހުން އިއްޔެ މެންދުރު ބުނެފައި ވަނީ ފިހިގެން ލިބިފައިވާ ކަހަަލަ ޒަހަމްތަކެއް ސިމާދުގެ ހަށިގަނޑުގައި ހުރި ކަމަށެވެ. އެކަމަކު އޭނާ މަރުވެފައި ވަނީ ފިހިގެން ލިބިފައިވާ ޒަހަމްތަކަކުން ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.