ބިދޭސީން ފޮނުވާ ފައިސާއިން ޓެކްސް ނެގުމުގެ އިސްލާހު ތަސްދީގު ކުރައްވައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ޓެކްސް ނަގަންޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.


ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް މިމަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ޔާމީން ތަސްދީގު ކުރެއްވި ބިލުގައިވާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރަށް ފޮނުވާ ފައިސާގެ ތިން އިންސައްތަ ރެމިޓެންޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގާނެ އެވެ. އެ ޓެކްސް ނަގައި، ދައުލަތަށް ދެއްކުމަކީ ރާއްޖޭގެ ހުރިހާ ބޭންކްތަކާއި ބޭރަށް ފައިިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކަށް ލާޒިމް ކަމެއް ކަމަށާއި ޓެކްސް ނުދައްކަން އުޅެފި ނަމަ، ޖުރިމަނާ ކުރެވޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ތިން މަސް ތެރޭގައި ހުރިހާ ބިދޭސީންގެ ނަމުގައި ބޭންކެއްގައި އެކައުންޓް ހުޅުވަންޖެހޭ ގޮތަށް ވެސް އެ ގާނޫނުގައި ހިމަނާފައިވެ އެވެ. ބިދޭސީ މީހާއަށް ދޭންޖެހޭ ހުރިހާ އިނާޔަތްތަކާއި މުސާރަ ޖަމާކުރަންޖެހޭނީ އެ އެކައުންޓަށެވެ. އެ މުއްދަތުގައި އެކައުންޓް ނުހުޅުވައިފި ނަމަ ވަޒީފާ ދޭ ފަރާތްތައް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެ އެވެ. އަދި ސަރުކާރުން އެ ފަރާތަކަށް ދެމުންދިޔަ ޚިދުމަތްތައް ހުއްޓާލުމުގެ ބާރު ވެސް ގާނޫނުގެ ދަށުން ސަރުކާރަށް ލިބެ އެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދަނީ އެތައް ބިލިއަން ރުފިޔާއެއް ރާއްޖެއިން ބޭރަށް ފޮނުވަމުންނެވެ.