އޮލިމްޕަސް ސިނަމާ އާޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށަށް މިދިޔަ އަހަރު ބަދަލުކުރި އޮލިމްޕަސް ސިނަމާ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.


އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވިދާޅުވީ ދިވެހި ފިލްމުތައް އަޅުވާ ރާއްޖޭގެ ރަސްމީ ސިނަމާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާތީ އޮލިމްޕަހާ ގުޅުން ހުރި ކަންކަން ދެން ކުރިއަށް ދާނީ އާޓްސް މިނިސްޓްރީގެ ދަށުން ކަމަށެވެ.

އޮލިމްޕަސް ޕީއެސްއެމްގެ ދަށުން ނަގާފައި މި ވަނީ އާޓްސް މިނިސްޓްރީން ފިލްމީ ފަންނާނުންނާ އެކު މިދިޔަ މަހުގެ 28 ގައި ބޭއްވި ފޯރަމްގައި ފަންނާނުން އެކަމަށް އެދިފައި ވަނިކޮށެވެ. އެ ފޯރަމްގައި ފަންނާނުން ވަނީ އޮލިމްޕަހުގައި މިހާރު ހުރި މައްސަލަތައް ހައްލުކޮށްދީ، ފެންވަރު ރަނގަޅުކޮށްދޭން ވެސް އެދިފަ އެވެ.

ކުރިން ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ) ގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ދިޔަ އޮލިމްޕަސް ޕީއެސްއެމާ ކުރީގެ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ.

އެ ބަދަލާ އެކު އޮލިލްޕަސް ކުއްޔަށް ދޫކުރާ އަގު ވެސް އޭރު 50 ޕަސަންޓަށް ކުޑަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އާޓްސް މިނިސްޓްރީން ބުނި ގޮތުގައި ފިލްމީ ފަންނާނުންނާ އެކު ބޭއްވި ފޯރަމްގައި ފާޅު ކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ނަތީޖާތައް ފެންނަމުންދާ ކަމަށް ބުންޏެވެ.