ނިއު ދިއްލީ (ފެބްރުއަރީ 22) - އިންޑިއާގެ ހައްޖު ކޯޓާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިތުރުކޮށްދެއްވައިފި އެވެ.
ޕްރިންސް މި ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑިއާ އިން އިތުރު 25،000 މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަވައި ދެއްވައިފަ އެވެ. އެހެންވެ އިންޑިއާ އިން މިހާާރު ދެ ލައްކަ މީހުންނަށް ހައްޖަށް ދެވޭނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނީ އާ ކޯޓާގެ ދަށުން މި އަހަރު ވެސް މީހުން ހައްޖަށް ދެވޭނެ ކަމަށެވެ. އަދި ޕްރިންސް މުހައްމަދު އެގޮތަށް ހަމަޖައްސައިދެއްވީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑިއާގެ މައިނޮރިޓީ އެފެއާޒް މިނިސްޓަރު މުޚްތާރު އައްބާސް ނަގްވީ ވިދާޅުވީ ހައްޖު ކޯޓާ އިތުރު ކުރުމަކީ ބޮޑު ވަޒީރު މޯދީ އާއި ޕްރިންސް މުހައްމަދު އަދި ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖަށް ޝުކުރު ހައްގުވާ ކަމެއް ކަމަށެވެ.
"މިއީ އިންޑިއާގެ ހައްޖު ކޯޓާ ޖެހިޖެހިގެން އިތުރު ކުރި ތިން ވަނަ އަހަރު. ބޮޑު ވަޒީރު މޯދީ އިންޑިއާގެ ވެރިކަމަށް 2014 ވަނަ އަހަރު ވަޑައިގެންނެވި އިރު އިންޑިއާގެ ހައްޖު ކޯޓާ އަކީ 136،000 މީހުން. އެކަމަކު އެ އަދަދު މިހާރު ވަނީ ދެ ލައްކަ އަށް އިތުރުކޮށްފައި. މިއީ އިންޑިއާ މިނިވަންވީ ފަހުން އެންމެ ގިނަ މީހުން ހައްޖަށް ދާ އަހަރަށް ވާނެ،" ނަގްވީ ވިދާޅުވި އެވެ.
އިންޑިއާގެ ހައްޖު ކޯޓާ މިދިޔަ އަހަރު ވަނީ 5،000 އަށް އިތުރުކޮށްދީފަ އެވެ. އަދި 2017 ވަނަ އަހަރު ވަނީ 35،000 އަށް އިތުރުކޮށްދީފަ އެވެ.
އިންޑޮނީޝިއާ ފިޔަވައި މި އަހަރު އެންމެ ގިނަ މީހުން ހައްޖަށް ދާނީ އިންޑިއާ އިންނެވެ.