ސިފައިންގެ މަރުކަޒުތަކުގައި ތިބި ހުރިހާ ސިފައިންނަށް އަމާޒުކޮށްގެން ހާއްސަ އަސްކަރީ ތަމްރީނުތަކެއް ފެށިގެން ކުރިއަށްދާ އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ތަމްރީންތައް އެންމެ ފުރަތަމަ ފެށީ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކުއާޓާޒްގަ އެވެ. މިއީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށްދާ ތަމްރީންތަކެކެވެ.
މި ތަމްރީންތަކުގައި އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގަފާނެ ޓެރަރިސްޓް އަމަލެއް ހުއްޓުވައި، ރައްކާތެރިކަމާއި ސަލާމަތްތެރިކަން ގާއިމުކުރުމަށް ހިންގަންޖެހޭ ހާއްސަ އޮޕަރޭޝަންތަކާ ގުޅުންހުރި ތަމްރީނުތައް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މި ތަމްރީނުތަކަކީ ގައުމީ ދިފާއީ ބާރު ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ސިފައިންނަށް ދެވޭ ތަމްރީނުތަކެކެވެ." އެމްއެންޑީއެފް ވެބްސައިޓްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ސިފައިންގެ ކޮންމެ މީހެއްގެ ކިބައިގައި ހުރުން ލާޒިމު އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ ގާބިލުކަން އިތުރަށް ތަރައްގީކޮށް، އޮޕަރޭޝަންތައް ކާމިޔާބު ކުރުމަށް ބޭނުންވާ ހުނަރު އިތުރުކޮށް ސިފައިންގެ މަރުކަޒީ ތަމްރީނުތައް ހިންގާނެ ގޮތްތައް ފަރިތަކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ހާއްސަ ތަމްރީންތަކެއް މި ފެށީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން އިއްޔެ ރިޕޯޓުކޮށްފައި ވަނިކޮށެވެ. ބީބީސީގައި ޝާއިއުކުރި ރިޕޯޓެއްގައި، އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ވަނީ ރާވައިފަ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ރައްޔިތުން ކަންބޮޑުނުވުމަށާއި ސިފައިންނާއި ފުލުހުންގެ ތެރޭގައި ބައިބައިވުންތަކެއް އުފެދިފައިނުވާ ކަމަށެވެ. އަދި އެމީހުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ގައުމީ ރައްޔިތުންގެ ދިފާއުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.