އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫގައި، 24 ގަޑިއިރަށް ވިޔަފާރީގެ ޚިދުމަތްތައް ދޭން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.


ކައުންސިލުން ބުނީ، އައްޑޫގައި ހިންގާ ހޮޓާ/ރެސްޓޯރަންޓް/ކެފޭ އަދި އިމްޕޯޓް މުދާ ވިއްކާ ތަންތަނުގެ ތެރެއިން 24 ގަޑިއިރު ހިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްގެން، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ފޯމު ހުށަހަޅަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތަށް، ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ބަލައިފައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި، އެކަން ކައުންސިލުން މިނިސްޓްރީ އަށް އެންގުމުން ހުއްދަ ހޯދަން 2،000ރ. ގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހެ އެވެ.

ހުއްދަ ދޭނީ، ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ދެ އަހަރަށެވެ.

ހުއްދަ ލިބޭ ތަންތަނުގައި 24 ގަޑިރު ހިދުމަތް ދޭކަން އަންގައި "24/7" ލިޔެފައިވާ ބޯޑެއް ވިޔަފާރި ކުރާ އިމާރާތުގެ ބޭރަށް ފެންނާނެހެން ބެހެއްޓުމާއި ތަނަކީ ބޭރުން ބަލާ އިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވުމުގެ އިތުރަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށް ވެސް ވާން ޖެހޭނެ އެވެ.

މީގެ އިތުރުން އެއީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ ބޭނުން ކުރާ ތަނަކަށް ވެސް ވާން ޖެހެ އެވެ.

މި ޝަރުތުތަކާ ވިޔަފާރި ކުރާ ތަންތަނުން ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި އައްޑޫގައި 24 ގަޑިއިރު ހިދުމަތް ދޭނެ ތަންތަނަކީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާން ޖެހޭނެ އެވެ.