އަޅުގަނޑެއް ނުފިލާނަން، ހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި: އުޝާމް

ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހްސާސްތައް ގާތުން އަޑުއަހާނެ ކަމަށާއި ރައްޔިތުންނަށް ނުފިއްލަވާނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.


އުޝާމްގެ "މަޖިލިހަށް ވިލިމާލެ" ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި ބޭއްވި ޖަލްސާގައި އުޝާމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ފެނުނީ ވޯޓު ހޯދުމަށް ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ ގާތަށް އައިސް ދަޅަތައް ދެއްކުމަށް ފަހު ފިލައިގެން ދިޔަ ތަން ކަމަށެވެ. އަދި ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ވިލިމާލޭގައި މިރޭ ބޭއްވި ޖަލްސާގައި އުޝާމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ނަމަވެސް، އުޝާމް ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ މަންދޫބަކަށްވުމެވެ. އެގޮތުން، ދާއިމީ އޮފީހެއް ވިލިމާލޭގައި ގާއިމު ކުރައްވައި، އޮފީސް މެދުވެރިކޮށް ވަކިވަކި ފަރުދުންނަށް ކަންކަން ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"ދާއިރާގެ ކަންބޮޑުވުންތައް އަޑުއަހައި ހިޔާލު ހޯދުމަށް ހަމަޖެހޭ އުސޫލެއްގެ ދަށުން ވިލިމާލޭގައި ރަށްވެހި ބައްދަލުވުންތައް ކުރިއަށް ދާނެ. އަޅުގަނޑު އަބަދުވެސް ހުންނާނީ ތިޔަ ބޭފުޅުންގެ މީހެއްގެ ގޮތުގައި،" މެލޭޝިއާ އާއި އިނގިރޭސި ވިލާތުން ތައުލީމް ހާސިލް ކުރެއްވި އުޝާމް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލެއްގެ ގޮތުގައި 10 އަހަރު ވަންދެން ހިދުމަތް ކުރެއްވި އުޝާމް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވާކަށް ނުޖެހެ އެވެ. އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ބޭނުންވަނީ އިހްލާސްތެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އުޝާމް މިރޭ ފޮޓޯއަކަށް ހުއްޓިގެން: ވިލިމާލެ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އުޝާމް ވަނީ ވައުދުވެވަޑައިގެންފައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ފާއިތުވެދިޔަ ދުވަސްތަކުގައި ސިޔާސީ މާހައުލުން ފެނިފައި ވަނީ ސިޔާސީ ލީޑަރުން ބޭނުންވާ ވަކި އެޖެންޑާއެއް ހާސިލް ކުރުމަށް ފަހު ރައްޔިތުން ބޭނުންވާ ކަންކަމަށް ވަގުތު ނުދޭ ތަން ކަމަށް އުޝާމް ވިދާޅުވި އެވެ. ވިލިމާލެ އަށް ތަރައްގީ ގެނެވޭނީ އެ ބިމަށް ކުލުނާއި ލޯބި ލިބިފައި ހުރި ބޭފުޅަކަށްކަން ފާހަގަ ކުރައްވައި އުޝާމް ވިދާޅުވީ އޭނާގެ މަސައްކަތަކަށް ވާނީ ވިލިމާލޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ.

ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އުޝާމް، އޭނާގެ ބައެއް ސަޕޯޓަރުންނާ އެކު މިރޭ ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ކިހިނެއްތޯ ވިލިމާލޭގެ މައްސަލަތައް ތިލަދުންމަތީ މީހަކު ހައްލު ހޯދައިދެވޭނީ؟ ކިހިނެއްތޯ ވިލިމާލޭގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހައްދުންމަތީ މީހަކަށް ކިޔައިދެވޭނީ؟ ކިހިނެއްތޯ ވިލިމާލެ ތަރައްގީ ކުރަން ޖެހޭ ގޮތް ފުވައްމުލަކު މީހަކަށް ބުނެދެވޭނީ،" ވިލިމާލެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ އަށް އުޝާމް ވެވަޑައިގެންނެވި ވައުދުތައް:

- އާންމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން

- ޑޮކްޓަރުންގެ ހިދުމަތް ވިލިމާލެ ހޮސްޕިޓަލުން ގަވައިދުން ލިބުން.

- ހާލުބޮޑު ބަލި މީހުން ވަގުތުން މާލެ ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން.

- ފެރީގެ ހިދުމަތާއި އަގު އާންމުން ބަލައިގަންނަ މިންގަނޑަކަށް ގެނައުން.

- ވިލިމާލެ އާއި އެއާޕޯޓާ ދޭތެރޭގައި ފެރީ ދަތުރު ކުރެވޭނެ ގޮތް ހެދުން.

- ވިލިމާލޭގައި ތިބެގެން އޭލެވެލް ފެންވަރާ ހަމައަށް ކިޔެވޭނެ ގޮތް ފަހިކޮށްދިނުން.

- މުހިއްޔުއްދީން ސްކޫލަކީ ފެންވަރު ރަނގަޅު ތައުލީމް ދޭ ތަނަކަށް ހެދުން.

- އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމަށް ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުން.

ކިހިނެއްތޯ ވިލިމާލޭގެ މައްސަލަތައް ތިލަދުންމަތީ މީހަކު ހައްލު ހޯދައިދެވޭނީ؟ ކިހިނެއްތޯ ވިލިމާލޭގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހައްދުންމަތީ މީހަކަށް ކިޔައިދެވޭނީ؟ ކިހިނެއްތޯ ވިލިމާލެ ތަރައްގީ ކުރަން ޖެހޭ ގޮތް ފުވައްމުލަކު މީހަކަށް ބުނެދެވޭނީ؟ --- އުޝާމް

ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވި އުޝާމް ވިދާޅުވީ ކުޑައިރު އާއިލާއާ އެކު ދިރިއުޅުން ވިލިމާލެ އަށް ބަދަލު ކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވިލިމާލޭގެ ހާލަތަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ. އެގޮތުން، އަސާސީ ހިދުމަތްތައް ފުރިހަމަ އަށް ލިބެމުން ނުދާއިރު، މިއިން ކޮންމެ މައްސަލައަކީ ވިލިމާލޭގެ ރައްޔިތުން ތަޖުރިބާކޮށް ތަހައްމަލް ކުރާ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި 2013 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހާ ހަމައަށް ހިދުމަތް ކުރެއްވި އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.

ވިލިމާލޭގައި ބޭއްވި އުޝާމްގެ ކެމްޕެއިން ޖަލްސާ: ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަލްސާގައި ބައިވެރިވެފައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ފަނޑިޔާރުގެ އަށް ނުފޫޒު ވަދެ، އިންސާފުގެ ތިލަފަތް ފައިސާ އިން ބަރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ފަނޑިޔާރުގޭގެ އިތުބާރު ގެއްލިއްޖެ. ފާއިތުވި 10 ވަރަކަށް އަހަރު މި ދާއިރާގައި ދިމާވެފައިވާ މައްސަލަތައް އަޅުގަނޑު ވަރަށް ގާތުން ދުށިން،" އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، އަދުލު އިންސާފަކީ މަހުޖަނަކަސް، ފަގީރަކަސް، ތަފާތު ކުރުމެއް ނެތި ލިބެން ޖެހޭ އަސާސީ ހައްގެކެވެ. އެކަމަކު، ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނާއި މަހުޖަނުން ވަނީ ރައްޔިތުންގެ އަސާސީ ހައްގަށް އަރައިގެންފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުވާން އުމުރުން ފެށިގެން އިޖުތިމާއީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އުޝާމް ފާހަގަ ކުރެއްވި ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަކީ ވެސް ރާއްޖޭގައި ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށިގެން ކުރިއަށް ދިޔަ ނަމަވެސް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ވިލިމާލޭގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"މި މަޝްރޫއުތަކުގެ ދަށުން ގެދޮރު ހޯދުމުގެ ތަނަވަސްކަން ހުރީ މުއްސަނދިންގެ. އާންމު ރައްޔިތު މީހާ އުޅެން ޖެހެނީ ހަމަ ކުލީގެ އަޅުވެތިކަމުގައި،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އުޝާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ އިސްލާހު ކުރަން ޖެހޭ ތަންތަން ކަން ފާހަގަ ކުރައްވައި، އުޝާމް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާފައި ތިބޭ ބޭފުޅުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް ހަރުކަށި އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

އަޅުގަނޑު އަބަދުވެސް ހުންނާނީ ތިޔަ ބޭފުޅުންގެ މީހެއްގެ ގޮތުގައި --- އުޝާމް

އުޝާމަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު މުހައްމަދު ނާޒިމްގެ އާއިލީ ބޭފުޅެކެވެ. ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އުޝާމް ހުންނެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމުގަ އެވެ.