ޑްރަގު މައްސަލައިގައި ހައްޔަރުކުރި 21 މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި 21 މީހުންގެ ތެރެއިން ފަސް މީހަކު މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.


ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ރިޕޯޓާ އެކު މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް 20 މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.

އެ ގެ ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި 38 ރަބަރު ޕެކެޓް ފެނިފައި ވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ކޯޓަށް ހާޒިރުނުކޮށް ކުޑަކުއްޖާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ދެން ތިބި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. އޭގެތެރެއިން ފަސް މީހުން ދޫކޮށްލީ ކޯޓުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ބާކީ ތިބި 12 މީހުންގެ ބަންދަށް ފަސް ދުވަސް އަދި ތިން މީހެއްގެ ބަންދަށް ތިން ދުވަސް ޖަހާފައި ވެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.