ހިތުގެ ޑޮކްޓަރުގެ ލަފަޔަށް ޔާމީން އަނެއްކާވެސް އެޑްމިޓްކޮށްފި

މަނީ ލޯންޑަރިންގެ ތުހުމަތުގައި ހިންގާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި އެވެ.


އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީން ހޮސްޕިޓަލަށް ގެނައީ އިރުއޮއްސި 6:30 ހާއިރު ކަމަށާއި އެޑްމިޓްކޮށްފައި ވަނީ 24 ގަޑި އިރަށް ކަމަށެވެ.

"ޖަލުން ކާޑިއޮލޮޖިސްޓް ބައްލަވާފައި ރިފާ ކުރެއްވީމާ ހޮސްޕިޓަލަށް ގެނައީ. 24 ގަޑި އިރުގެ އޮބްޒަވޭޝަނަކަށް އެޑްމިޓް ކުރީ،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވި އެވެ.

ޔާމީން ހައްޔަރު ކުރި ފަހުން އެޑްމިޓް ކުރި މިއީ ދެވަނަ ފަހަރެވެ.

ޔާމީންގެ މައްޗަށް ދައުވާކުރި މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ހައްޔަރުކުރިތާ 24 ގަޑިއިރު ނުވަނީސް އައިޖީއެމްއެޗަށް ގެނެސް 24 ގަޑިއިރު ވަންދެން އެޑްމިޓްކުރި އެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް، ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެމްއައިބީގައި ބެހެއްޓި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ. އެކަމަކު އެއާޚިލާފަށް އަމަލުކުރައްވައި، ދައުލަތުގެ އިދާރާތަކަށް ވެސް ދޮގު މައުލޫމާތު ދެއްވައި، އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގެވި ކަމަށް ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.

ޝަރީއަތް ނިމެންދެން ޔާމީން ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. އެއީ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ.