ޔާމީންގެ ސިއްހީ ހާލަތު ދެރަ: އަދުރޭ

މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށާއި ކޮޅަށް ހުންނަވައިގެން ނަމާދު ވެސް ނުކުރެއްވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.


ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޔާމީންގެ ހާލުކޮޅު ރަނގަޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އެމަނިކުފާނަކީ މައިބަދައިގެ މައްސަލައެއް ހުންނަ ބޭފުޅެއް. ހަމައެއާ އެކު ހިތުގެ އާލާސް ކަންފުޅެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވާ ބޭފުޅެއް. މިވަގުތު ވެސް ރައީސް ޔާމީނަށް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މިދަންނަވަނީ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތަކުރާރުކޮށް ގޮވާލަމުން އަންނަ ގޮތަށް ޔާމީން ޖަލުން ދޫކޮށްލަން ގޮވާލައްވައިފަ އެވެ. އެމަނިކުފާނު ގެކޮޅަށް ބަދަލުކުރަން، އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ބާރުއަޅަމުންނެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންތައްކުރެއްވި ގޮތަށް، ސިއްހީ ކަންކަމުގައި އޮޅުވާލައްވާނެ ބޭފުޅެއް ނޫނެވެ.

"ރައީސް ނަޝީދުމެން ޖަލަށް ލީމަ ވެއްޓޭހެން، މައިބަދަ ބިންދައިގެން ދިޔަކަމަށް ހަދައިގެން އެގޮތަށް މަކަރު ހީލަތް ހަދައިގެން ރައީސް ޔާމީނެއް ޝަކުވާއެއް ނުކުރައްވާނެ. އެމަނިކުފާނު އަމިއްލަފުޅަށް ކަންކަން މެނޭޖްކުރައްވަން އެނގިވަޑައިގަންނަވާނެ،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަހަކީ މިއަދެވެ. ޕީޕީއެމް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ސޯޝަލަށް މީޑިއާގައި، އުފަންދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގައިދީންނަށް ލުއި ދޭން ބޭރުގެ އެކި ޖަމިއްޔާތަކުން ގޮވާލާގޮވާލުންތަކަށް ސަރުކާރުން ތަބައެއް ނުވެ އެވެ. އެކަމަކު ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން 100 އަށް ވުރެ ގިނަ ގައިދީން، ޖަލުން ދޫކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ފަޅާއެރި ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ، އެމްއެމްޕީއާރުސީއާ ގުޅުން ހުރި މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައި ވިޔަސް، އަދުރޭ ރޭ ވެސް ވިދާޅުވީ އެމަނިކުފާނަކީ ޖިނާއީ ކުށްވެރިއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ސަރުކާރުގެ ނުފޫޒު އޮތް ޝަރީއަތަކުން ޖަލަށް ލި، ސިޔާސީ ކުށްވެރިއެއް ކަމަށް ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ޝަރީއަތަށް އަތް ބާނައިގެން، ގާޒީންނަށް މަޖުބޫރުކޮށްގެން ނުހައްގުން ހުކުމެއް ކަނޑައަޅައިގެން. ނުހައްގުން ހުރަގެއަށް ލައިގެން ރައީސް ޔާމީނަށް އަނިޔާކުރަމުން ދަނީ،" އަދުރޭ ވިދާޅުވި އެވެ.