ގަވަރުނަރު ނަސީރުގެ މައްސަލައެއް ފުލުހުން ބަލަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު އިންސާފަށް ހުރަސްއެޅުމުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.


ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވަނީ ނަސީރާ ގުޅޭގޮތުން އެ މުއައްސަސާ އަށް ހުށަހެޅި ޝަކުވާއެއް ތަހުގީގުކުރަމުން އަންނަކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ނަސީރާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ނެރުނު ރިޕޯޓާ މެދު ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ހާޒިރުކޮށްފައި ވަނިކޮށެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލަ ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.

އެ ޔުނިޓްގެ އިސްވެރިޔާ ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ގަވަރުނަރެވެ. އަޝްރަފްގެ ކުރިން އެ މަގާމުގައި ހުންނެވީ އިބްރާހިމް އާތިފް ޝަކޫރެވެ. އޭނާ 2015 ގައި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރިން ހިންގަމުންދާ ކަމަށް އެފްއައިޔޫން އެކުލަވައިލި ރިޕޯޓުން ފާހަގަވެފައި ވަނިކޮށެވެ.