މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދާއިރު އާއި މަރުވީ ކާކުކަން ދެނެގަންނަން ކުރާ މަސައްކަތުގައި އިންސާނީ ކަރާމާތް ނުގެއްލޭނެ ގޮތަށް އަމަލުކުރާނެ އެކްޝަން ޕްލޭނެއް އެކުލަވާލައިފި އެވެ
މި އެކްޝަން ޕްލޭން އެކުލަވާލީ އިސްކަންދަރު ކޮށީގައި އިއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ ފޮރެންސިކް ސްޓޭކްހޯލްޑާ މީޓިންގަ އެވެ. މިއީ މަރުވެފައިވާ މީހާގެ ހަށިގަނޑާ މެދު އިންސާނީ ކަރާމާތް ދަމަހައްޓާނެ މެޑިކަލް-ލީގަލް ސިސްޓަމެއް ގާއިމްކުރަން ބޭއްވި ބައްދަލުވުމެކެވެ.
ފުލުހުންނާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އަދި ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެކި ދާއިރާތަކުގެ 18 މުއާސަސާއަކުން ބައިވެރިވި އެވެ. ސިއްހީ ދާއިރާއިން ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްތައް ބައިވެރިވި އިރު، ކައުންސިލްތަކާއި ކަރެކްޝަނަލް ސާވިސަސްގެ އިތުރުން އިސްލާމިކް މިނިސްޓްރީ އަދި ނެޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ބައިވެރިވި އެވެ.
މި ބައްދަލުވުމުގެ ނިމުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހެލްތު މިނިސްޓްރީއެއްގެ ޒިންމާއަކީ މީހުންގެ ފުރާނަ ސަލާމާތްކުރުން ކަމަށް ވިއަސް، ފުރާނައެއް ގެއްލުމުން ވެސް އެ ތަނުގެ ޒިންމާތައް ނުނިމޭ ކަމަށެވެ. އެހެންކަމުން މަރުގެ ކަންތައްތަކާ ގުޅޭ ހުރިހާ ހިއްސާދާރުންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުން، މި ހަރަކާތް ރޭވި ފަރާތްތަކަށް އޭނާ ޝުކުރުއަދާ ކުރެއްވި އެވެ.
ފުލުހުންގެ އެސިސްޓަންޓު ކޮމިޝަނާ އަދި ސްޕެޝަލިސްޓް ސަޕޯޓުގެ ޑެޕިއުޓީ ހެޑް އަބްދުﷲ އަހްމަދު ވިދާޅުވީ މި ދެ ދުވަހު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ކްރިމިނަލް މައްސަލައެއްގައި ޕޯސްޓްމޯޓަމް ހަދަން ޖެހިއްޖެ ނަމަ ކަންތައް ކުރާނެ ގޮތް ހިމެނޭ ކަމަށެވެ. ޖުމްލަ 44 މީހުން ބައިވެރިވި މި ބައްދަލުވުމުގައި މަޝްވަރާކުރި މައުލޫތަކުގައި ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދާ އިރު ކަންތައް ކުރަންޖެހޭ އެންމެ ރަނގަޅު ގޮތާއި، އަދި ކާރިސާތަކުގައި މަރުވާ މީހުން ފާހަގަކުރާނެ ގޮތް ވެސް ހިމެނެ އެވެ.
"ހަގީގަތުގައި ހަމައެކަނި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މުހިއްމު މަސައްކަތެއް ނޫން މިއީ. މުޅި ރާއްޖޭގެ މެޑިކަލް-ލީގަލް ސިސްޓަމް ބައްޓަންވެގެންދާނެ ގޮތް [މަޝްވަރާކުރެވުނީ]،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްތަގްބަލުގައި ސިޔާސަތުތައް ކަނޑައަޅާ އިރު އެ އެކްޝަން ޕްލޭނުގައި އެކުލަވާލާފައިވާ ކަންތައްތަކަށް ބަލާނެ ކަމަށެވެ.