ނައިބު ރައީސް އަބްދުﷲ ޖިހާދު ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އަނބިކަނބަލުން އާސިމާ ހުސެން ވެސް ވަޑައިގެންނެވި މި ދަތުރުފުޅުގައި ނައިބު ރައީސް ޖިހާދު ފުރާވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު، މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް އޭރު ވެސް އަދި މިއަދު ނެރުނު ބަޔާނަކު ވެސް ނެތެވެ.
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ. އޭގެ ފަހުން ޔޫއޭއީން އަންނަނީ ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓުގައި އާ ރަންވޭއެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކީ ވެސް އެ ގައުމުގެ ކުންފުންޏެކެވެ.
މީގެ އިތުރުން، ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ.