ކުންފުނި އުފެއްދިޔަސް ފްލެޓުތައް ލިބޭ މީހުން ކަނޑައަޅާނީ މިނިސްޓްރީ: ހައުސިން

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 'ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް' ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދިޔަސް، ފްލެޓު ލިބޭނެ މީހުން ކަނޑައަޅާނީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.


މި ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތުގެ އޮނިގަނޑު ރައްޔިތުންގެ މަޖިލިހުން މި މަހުގެ ކުރީކޮޅު ފާސްކުރި އިރު، ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައި އޮތީ އެންމެ ތިން ޒިންމާ އެވެ. އެއީ، ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތާއި ސޯޝަލް ހައުސިންއާ ބެހޭ ކަންކަމާއި ރާއްޖޭގެ އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާ ބެހޭ ކަންކަން އެކަންޏެވެ.

އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލިހުން ޕްލޭނިން މިނިސްޓްރީއާ އަށް ޒިންމާއެއް ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ކަންކަމާއި ރާއްޖޭގެ ބިން ބޭނުން ކުރުމާއި ދައުލަތުގެ އިމާރާތްތަކާ ގުޅޭ ކަންކަން ހިމެނެ އެވެ.

ހައުސިން މިނިސްޓްރީގެ ޒިންމާތަކާ މެދު ސުވާލުތަކެއް އުފެދުނީ އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 'ފަހި ދިރިއުޅުން ކޯޕަރޭޝަން' އުފެއްދުމުންނެވެ. އެ ކުންފުނި އުފެއްދުމުގެ ގަރާރުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ 'ފަހި ދިރިއުޅުން ކޯޕަރޭޝަން' މެދުވެރި ކޮށެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މަސައްކަތަކީ ހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. އެގޮތުން، އެ މަޝްރޫއުތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމަކީ ކުންފުނީގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި ހައުސިންގެ ޒިންމާ އަކީ ހައުސިން ޕޮލިސީ އެކުލަވާލާ، ހައުސިން ޕްރޮގްރާމްތައް ކަނޑައެޅުމާއި މީހުންނަށް ކުރިމަތިލާން ހުޅުވާލުމާއި މީހުން ހޮވުން ފަދަ ކަންކަން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ތަންތަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ. އަދި އަޅާނެ ފްލެޓުތަކުގެ އަދަދު ވެސް ނިންމާނީ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގައި ކުންފުނީގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި އިމާރާތް ކުރުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ފަދަ ޒިންމާ ބޮޑު ތަނެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ މަޝްރޫއުތަކެއް ހިންގީ ވެސް އެ މިނިސްޓްރީންނެވެ.

ހައުސިން މިނިސްޓްރީގެ ޒިންމާތައް ކުޑަވީ މި ސަރުކާރުން ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި މިނިސްޓްރީއަކާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި ވެސް މިނިސްޓްރީއެއް އުފެއްދުމުންނެވެ.

ޕްލޭނިން މިނިސްޓްރީއާ ހަވާލުކުރި އެހެން ޒިންމާތައް:

- ގައުމީ ތަރައްގީ ރޭވުމާ ބެހޭ ކަންކަން.

- އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީ ކުރުމާ ބެހޭ ކަންކަން.

- ޕަބްލިކްސް ވޯކްސް ދާއިރާ އިން ސަރުކާރަށް ބޭނުންވާ ކަންކަން.

- ތަފާސް ހިސާބުގެ ނިޒާމާ ގުޅޭ ކަންކަން.

- ނެޝަނަލް ރެޖިސްޓްރޭޝަނާއި އާބާދީއާ ބެހޭ ކަންކަން.

ހައުސިން މިނިސްޓަރަކީ މައުމޫން ރިފޯމް މޫވްމަންޓްގެ ސްލޮޓެއްގައި ވަޑައިގެންނެވި އާމިނަތު އާތިފާ އެވެ. ޕްލޭނިން މިނިސްޓަރަކީ ކުރިން އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ހައުސިން މިނިސްޓްރީގެ ޒިންމާގެ ތެރޭގައި އޮތް ހިޔާ މަޝްރޫއު އާއި ގެދޮރުވެރިކުރުމާއި ގުޅީފަޅު ހައުސިން ޕްރޮޖެކްޓާ ގުޅޭ މައްސަލަތަކާ ގުޅޭ ޝަކުވާތައް މިހާރު ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށް އެކަންޏެވެ. ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނަނީ ހައުސިން މިނިސްޓްރީ އަށެވެ.

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ގެންދިޔަ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޑިސެމްބަރު މަހު ކޮމެޓީއެއް އެކުލަވާލައްވައިފަ އެވެ. އެ ކޮމެޓީން ވަނީ ފްލެޓުތަކާ ގުޅޭ ޝަކުވާ މި މަހުގެ 25 ގެ ނިޔަލަށް ހުށަހަޅަން ހުޅުވާލައިފަ އެވެ.