ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން ޕެޓިޝަނެއް

ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލާއި ޕްލޭނިން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.


އެ ރަށުގެ 500 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި ޕެޓިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

އޭގައި ބުނެފައިވަނީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންގެ އަދަދު ކުޅުދުއްފުށިން ގާތްގަނޑަކަށް 1،500 އަށް އަރާ ކަމަށެވެ. ނަމަވެސް މިވަގުތު ދޫކުރަން ހަމަޖައްސާފައިވާ ގެވަޅުގެ އަދަދަކީ 120 ކަމަށާއި އެކަމާ މެދު ރަށުގެ ގިނަ ރައްޔިތުން ނުރުހުންފާޅުކުރަމުން ދާތީ އެކަން ޒިންމާދާރު އުސޫލަކުން ކުރިއަށް ގެންދިއުމަށް އެދިފައި ވެ އެވެ.

ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެ ގޮތަށް އެކަން ކުރެވޭނެ ފުރުސަތު އެބަ އޮތެވެ. އެގޮތުން 1.7 ހެކްޓަރުގެ ބިމުގެ ސާވޭކޮށްފައިވާއިރު ސާވޭ ނުކުރާ ބޮޑުބައެއް އަދިވެސް އޮތްކަމަށް ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެ ސަރަހައްދުތައް ސާވޭކޮށް ގެވަޅުގެ ސައިޒް 1،200 އަކަފޫޓަށް ކުޑަކޮށްގެން ވިޔަސް ހައްލު ހޯދައިދިނުމަށް ވަނީ އެދިފަ އެވެ.

"ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ގެވަޅު އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ފަހަރާ ގިނަ ބަޔަކަށް ހައްލު ހޯދައިދިނުމަށް އެދެމެވެ. އަދި މިކަމަކީ މި ރަށުގެ ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއްކަމުގައިވާތީ މިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އެދެމެވެ،" ޕެޓިޝަންގައިވެ އެވެ.

ރަށުގެ ދެ ފަރާތުގައިވާ ކުޅި އާއި ވެލިގަނޑު ސަރަހައްދު ގްރީންޒޯނުތަކަށާއި އިންވެސްޓްމެންޓުތަކަށް ބެހެއްޓުމަށްފަހު، ރަށުގެ އެކި ސަރަހައްދުން 450-500 އާ ދެމެދުގެ އަދަދަކަށް ގެވަޅު ދޫކުރެވޭނެކަމަށް ދެކޭ ކަމަށް ޕެޓިޝަނުގައިވެ އެވެ.

ކުޅުދުއްފުށިން އެންމެ ފަހުން ގޯތިދޫކޮށްފައިވަނީ 2006 ވަނަ އަހަރެވެ.