މުވައްޒަފުންގެ މުސާރަ ހަމަހަމަ ކުރުމުގެ މަސައްކަތް ފަށައިފި

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމަކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.


އެ ކޮމިޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ، ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނީ ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީއާ އެކު ކަމަށެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި ނޭޝަނަލް ޕޭ ކޮމިޝަނުން ގިނަ މަސައްކަތްތަކާއި ދިރާސާތައް އަންނަނީ ކުރަމުންނެވެ. އެގޮތުން، ދައުލަތުގެ ހުރިހާ ޕްރޮފެޝަންތަކާއި ވަޒީފާތައް ބެހިފައިވާ ގުރޫޕްތައް ހިމެނޭ ގޮތަށް "މޯލްޑިވްސް ޕަބްލިކް ސާވިސް ސްޓޭންޑަޑް ކްލެފިސިކޭޝަން އޮފް އޮކިއުޕޭޝަން" ގެ ނަމުގައި މެނުއަލެއް ވަނީ އެކުލަވާލައިފަ އެވެ.

ދައުލަތުގެ ހުރިހާ އިދާރާތަކުގެ މުސާރަ އާއި އެލަވަންސާއި ރިޓަޔަމެންޓް އިނާޔަތްތައް ހަމަޖެހިފައިވާ ގޮތްތަކާއި އެ ތަންތަނުގެ މެދުގައި ހުރި ތަފާތުތަކާއި އިނާއަތްތަކަށް ގެންނަޖެހޭ ބަދަލުތަކާ ގުޅޭ ދިރާސާއެއް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން ގާނޫނު އަސާސީންނާއި ގާނޫނުންނާއި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދާފައިވާ ކޮމިޝަންތަކާއި ބޯޑުތަކާއި ކޮމިޓީ އަދި ކައުންސިލް/މަޖިލިސް ކްލެސިފިކޭޝަން ފްރޭމްވޯކެއް ވެސް އެކުލަވާލާފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެ އެވެ.

ދައުލަތުން ނަގާ ލޯނާއި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުން ހަރަދުކުރާ މަގާމުތަކާއި އެ މަގާމުތަކަށް ހޯދާ މުވައްޒަފުންނަށް ދޭނެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމާ ބެހޭ އުސޫލެއް ވެސް އެ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ.

ނޭޝަނަލް ޕޭ ކޮމިޝަން އުފައްދާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ ކޮމިޝަނުގައި ތިއްބެވި މެންބަރުން ވަކިކޮށް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މެންބަރުން އައްޔަނު ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.