ޓްރެކް ސަރަހައްދުގައި ހުރި ފެންސް ރޯލްތަކެއްގައި ރޯކޮށްލައިފި

އެކި ރަށްރަށުގައި ހަދާ ދަނޑުތަކުގައި ބޭނުން ކުރުމަށް މާލޭގެ ޓްރެކް ސަރަހައްދުގައި ބަހައްޓާފައި ހުރި ފެންސް ރޯލްތަކެއްގައި މީގެ އިރުކޮޅެއް ކުރިން ރޯކޮށްލައިފި އެވެ. އެހެން ބައެއް ސާމާނު ވެސް އޭގެ ތެރޭގައި ހުރި ކަމަށް ވެ އެވެ.


އެމްއެންޑީއެފުން ބުނީ އެކުވެނި ކައިރީ ޓެނިސްކޯޓް ފުރަގަހުގައި ހުރި މުދާތަކެއްގައި ރޯވުމުން، އެތަނުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރޯވި ސަރަހައްދުގައި ކޮންޓެއިނަރުތަކެއްގައި ހުރި މުދާތަކެއް ވެސް ހުއްޓެވެ. ބެލެވޭ ގޮތުގައި އޭގައި ހުރީ ވެސް ކުޅިވަރު ދަނޑުތަކަށް ބޭނުންވާ ސާމާނެވެ.

އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާން މިހާރު ވަނީ ނިއްވާލައިފަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު ވެސް ވަނީ މާލޭގައި ހަ ސައިކަލެއްގައި ރޯކޮށްލައިފަ އެވެ. އެއީ މާފަންނު އިހްސާން ފިހާރަ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެކެވެ.