މާލޭގެ ގެއެއްގައި ހުރި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ދެ މީހަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހ. ތިންނޫނު ގައި ހިނގި ގޭސްފުޅި ގޮވުމުގެ ހާދިސާގައި ފިހުނީ ދިވެހި ދެ ފިރިހެނުން ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އަށް ލިބުނީ މެންދުރު 12:31 ގައި ކަމަށާއި ފަޔަ އެންޑް ރެސްކިއުގެ ސިފައިން މިހާރު އެ ގޭގައި ހަރަކާތްތެރިވަަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅި އުނދުނާ ގުޅާފައި ހުރިތަނުން ގޭސް ލީކްވުމުގެ ސަބަބުން ކަމަށެވެ.
ގޭސްފުޅި ގޮވުމުގެ ސަބަބުން ރޯވި އަލިފާން ނިއްވައިލީ އެގޭ މީހުން އަމިއްލައަށެވެ.
ގޭސްފުޅި ގޮވުމުގެ ސަބަބުން ފިހި އަނިޔާވި މީހުންނަށް ލިބިފައި ވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމެއް އަދި ނޭނގެ އެވެ. އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެެވެ.