މާލޭގައި މީހުން ދިރިއުޅޭ ސަރަހައްްދުތަކަށް ތެޔޮ ސަޕްލައިކޮށްދިނުން އެމްއެންޑީއެފުން ގެޒެޓްކޮށްފައިވާ ގަވައިދެއްގެ ދަށުން ކުރިން ވެސް މަނާކޮށްފައި ވާއިރު، މީހުން އުޅޭ ސަރަހައްދުގައި ތެޔޮ ރައްކާކޮށްގެން ގެންގުޅުން އެ ގަވައިދާ ހަވާލާދީ މިހާރު މަނާކޮށްފައިވާ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފި އެވެ.
އެމްއެންޑީއެފްގެ އެ ގަވައިދަކީ މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގުން މަދުކުރުމުގެ މަގުސަދުގައި ހެދި ގަވައިދެކެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުން މަނާ ކަމަށް ކަނޑައެޅީ އެ ކައުންސިލްގެ ތިން ވަނަ ދައުރުގެ 105 ވަނަ ޖަލްސާ އިން ކަަމަށެވެ. އެ ގަވައިދާ ހިލާފުވާ ފަރާތްތަަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
ސިޓީ ކައުންސިލުން މިގޮތަށް އަންގާފައި މިވަނީ މިދިޔަ ހަފުތާގައި މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. އަދި މާލޭގައި އާންމުން އުޅޭ ސަރަހައްދުތަކުގައި އެކި ބޭނުންތަކަށް ތެޔޮ ޓޭންކް ހަދައި ތެޔޮ ރައްކާކޮށްގެން ގެންގުޅޭ ކަމުގެ ކަންބޮޑުވުން ވެސް އާންމުން ފާޅުކުރެ އެވެ.