ކޮންސްޓްރަކްޝަން މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު އޭނާގެ އިހުސާސްތައް ކިޔައިދިނެވެ. އެ މުވައްޒަފު ބުނީ އެ މިނިސްޓްރީގައި އޭނާ މަސައްކަތް ކުރާތާ ވިއްސަކަށް އަހަރުވީ އިރު، މިހާ ހިތްދަތިވި ދުވަހެއް އަދި ނާންނަ ކަމަށެވެ. އެތައް ދުވަހެއްގެ ފޮނި ހަނދާންތަކާ ގުޅިފައިވާ އެ އިމާރާތް އަނދައި އަޅިޔަށް ވެގެން ދިޔައީ އޭނާގެ ލޯ ކުރިމަތީގަ އެވެ.
އޭނާ އޮފީހަށް ދާން ގެއިން ނުކުތީ މިއަދުގެ ހެނދުނު 7:45 ހާއިރު އެވެ. އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ޚަބަރު ގޭގައި ހުއްޓާ ލިބުނު ނަމަވެސް މިހާ ބޮޑުވަރު ވެދާނެ ކަމަށް ހީއެއް ނުކުރެ އެވެ.
ސަރުކާރުގެ މުހިންމު އޮފީސްތަކެއް ހިންގާ އެ އިމާރާތް ކައިރިއަށް އެ މުވައްޒަފަށް ދެވުނުއިރު، އިމާރާތުގެ މަތިން ބޯކޮށް ދުން އަރަނީ އެވެ. އޭރު މުޅި އިމާރާތުގައި ހުރީ ހުޅު ހިފައިފަ އެވެ.
"ދެކުނިން ހަމަ މުޅި އިމާރާތް އަނދައި އަޅިޔަށްވެ، ބިމާ ހަމަވާ ތަން. މީހާ ހުރީ ހުއްޓުން އަރައިފައި، ކިރިޔަކިރިޔާ ނުރޮވި ހުރީ،" އޭނާ ބުންޏެވެ.
އެއީ، އެ އިމާރާތުގައި ހިންގާ އެކި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އޮފީހަށް ނުކުންނަ ފަށާ ގަޑި އެވެ. އެހެންވެ، ކަން ދިމާކުރި ގޮތުން، އެ އިމާރާތުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އެ ވަގުތު އެތަނުގެ ބޭރުގައި ތިއްބެވެ. އެ އެންމެންގެ ލޯ ކުރިމަތީގައި، އެތައް ދުވަހެއްގެ ހަނދާންތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތް "އަނދާއި އަޅިޔަށް" ވެގެން ދިޔައީ އެވެ.
އެންމެންގެ މޫނުމަތިން ވެސް ފެނުނީ މާޔޫސްކަމެވެ. ބައެއް މީހުންނަށް ތިބީ ރޮވިފަ އެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް މިހާރު ހިންގާ ގްރީން ބިލްޑިންގަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގުމަށްޓަކައި 2008 ގައި ސަރުކާރުން ވަގުތީ ގޮތުން ހެދި ތަނެކެވެ.
އެ އިމާރާތުގެ ބޮޑު ބައެއް ހަދައިފައި ހުރީ ވަށައިގެން ޓިނު ޖަހައި، ލަކުޑި ޑެކު އަޅައިގެންނެވެ.
އެއީ ރަނގަޅު ފެންވަރެއްގައި ހަދައިފައި ހުރި އިމާރާތަކަށް ނުވިޔަސް، އެތަނަކީ އެތައް މުވައްޒަފުންނެއް އެ މީހުންގެ "ދެވަނަ ގެ" ކަމަށް ދުށް އަދި އެމީހުން ވަރަށް ލޯބިކުރި ތަނެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވެސް ވިދާޅުވި އެވެ.
މުއްތޮލިބް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުވައްޒަފުންގެ މި އިހުސާސްތައް ހިއްސާ ކުރައްވައިފަ އެވެ.
"އެއީ، އެންމެ އެދެވޭ ހާލަތެއްގައި ހުރި ތަނަކަށް ނުވިޔަސް، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް ހާއްސަ ތަނެއް. މިއަދު އަޅުގަނޑުމެންނަށް އެ ތަން މި ގެއްލުނީ، އެ ތަނުގައި ހުރި ހުރިހާ އެއްޗަކާ އެކު. އެންމެން ވެސް މި ތިބީ ވަރަށް ދެރަވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މަސައްކަތްކުރާ ފޮޓޯގްރާފަރު އަބްދުﷲ އަބީދު ވެސް ބުނީ މި ގެއްލުނީ ހަޔާތުގެ އެތައް ފޮނި ހަނދާންތަކެއް ކަމަށެވެ.
"ނެތި ފަނާވެގެން އެ ދިޔައީ ހަޔާތުގެ އެތައް ހަނދާންތަކަކާ ގުޅިފައިވި އެތަކެއް އަހަރު އެ ފުރާޅެއްގެ ދަށުގައިވާ އެތަކެއް ހަނދާންތަކެކެވެ،" އޭނާ އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.
"އަސްލު ވަރަށް ގިނަ ވޯކް ގެއްލިގެން އެ ދިޔައީ. އަލުންބަލުން ފަށަން މި ޖެހުނީ،" ހައުސިން މިނިސްޓްރީގައި މަސައްކަތްކުރާ އެހެން މުވައްޒަފަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އޮފީހުގެ ސާވާތަކުގައި ވެސް މިނިސްޓްރީގެ ގިނަ އަދަދެއްގެ މައުލޫމާތު ރައްކާކޮށްފައި ހުންނާނެ އެވެ. އެ އެއްޗެހި ހުރި ހާލަތެއް އަދި ޔަގީނެއް ނުވެ އެވެ. އެ އެއްޗެހި ރިކަވާ ނުކުރެއްވިއްޖެ ނަމަ މުހިންމު ގިނަ ލިޔެކިޔުންތަކެއް ގެއްލުނީ އެވެ.
މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި، މިއަދުގެ ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުން 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް އަންދާޒާކުރެވެ އެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަކީ ސަރުކާރުން ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުންތައް ވެސް ބަލަހައްޓާ އިދާރާތަކަށް ވާތީ، މި އަލިފާނުގެ ހާދިސާގައި މުހިންމު ގިނަ ލިޔެކިޔުންތަކެއް ގެއްލުމުގެ ބިރު ވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ހެނދުނު 6:30 ހާއިރު ރޯވި އަލިފާންގަނޑު ފަޔާ އެންޑް ރެސްކިއުގެ ޓީމަށް ނިއްވާލެވުނީ ހަތަރު ގަޑިއިރުވި ފަހުންނެވެ. އޭރު މުޅި އިމާރާތް އަނދައި ހުލިވެއްޖެ އެވެ. އެ އިމާރާތުގައި ހުރި މަދު އެއްޗެއް ނޫނީ ސަލާމަތެއް ނުކުރެވުނެވެ. މިއީ އެ މިނިސްޓްރީތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ހިތްދަތި، އަދި މުޅި އުމުރަށް ވެސް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ފާހަގަކުރާނެ ދުވަހެކެވެ.