ކަކުލާއި ތަނބިކައްޓަށް ލިބޭ ޒަހަމްތަކުން ހިރިނުލެވި އޮންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ހަރަކާތްތެރި ދިރިއުޅުމަކަށް ދުވުމާއި ހިނގުމާއި ފެތުން ކަހަލަ ކަންކަން މުހިއްމުވާ އިރު، ފައިގެ ހާލަތު ރަނގަޅުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކަކުލަށް ތަދެއް އަރައިގެން ނުވަތަ ކޮންމެވެސް ގޮތަކުން ލިގަމެންޓަށް ދިމާވާ ކަމަކުން ތަދެއް އަރައިގެން އުޅެން ޖެހުމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. އެހެންވެ އެންމެ މުހިއްމު ކަމަކީ ދުރާލައި ރައްކާތެރިކަން ވެސް ހޯދުމެވެ. އަދި ކަކުލާއި ތަނބިކައްޓަށް ގެއްލުމެއް ވެއްޖެ ނަމަ އަވަހަށް ފަރުވާ ވެސް ހޯދުމަކީ މުހިއްމު ކަމަކަށް ވާނެ އެވެ.
ކަކުލަށް ދިމާވާ މައްސަލަތަކުން ދިފާއުވުމަށް ބޯލާނެ ރަނގަޅު ބުއިމެއް މިއޮތީ އީޖާދުކޮށްފަ އެވެ. މި ތަޖުރިބާ ކުރި މީހުންނާއި ސިއްހީ ތަޖުރިބާކާރުން ވެސް ބުނަނީ މިއީ ވަރަށް ރަނގަޅު ބުއިމެއް ކަމަށެވެ. ކޯޗެއްތޯ ބަލައިމާ ހިނގާށެވެ. މިއީ ހަރަދު ކުޑަކޮށް ތައްޔާރުކޮށްލެވި ދާނެ ޓްރޮޕިކަން އޯޓްމީލް ސުމޫތީއެކެވެ.
* ބޭނުންވާ ތަކެތި:
1 ޖޯޑު އިންސްޓަންޓް އޯޓް (ފެނުކައްކާފައި)
2 ޖޯޑު އަލަނާސި (މަށައި، ކުދިކޮށް ކޮށާފައި)
40 ގްރާމް އޯގެނިކް މާމުއި
40 ގްރާމް އާމަންޑް (ހިމުންކޮށްފައި)
7 ގްރާމް ފޮނިތޮށި
1 ޖޯޑު ތާޒާ އޮރެންޖް ޖޫސް
250 މިލިލީޓަރުގެ ފެން
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކަމަކަށް އޯޓް ފެނު ކައްކައިލާށެވެ. އެއަށް ފަހު ބްލެންޑަރުގެ ތެރެއަށް އޯޓާއި އަލަނާސި ނޫން އެހެން ހުރިހާ އެއްޗެއް އަޅާފައި ރަނގަޅަށް ގިރައިލާށެވެ. ދެން އޭގެ ތެރެއަށް އޯޓާއި އަލަނާސި އަޅާފައި ރަނގަޅަށް އޮލަވަންދެން ގިރައިލާނީ އެވެ. އެ ހިސާބުން މި ސުމޫތީ ތައްޔާރުކޮށް ލެވުނީ އެވެ. ފިނިކޮށް ބޯލަން ބޭނުން މީގެ ތެރެއަށް އައިސް ކިއުބް އަޅާލެވިދާނެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނަނީ މިއީ ބޯން އާދަކޮށްފި ނަމަ ކަކުލަށް ލިބޭ ޒަހަމްތައް ފަސޭހަވާން އެހީތެރިވެދޭނެ ބުއިމެއް ކަމަށެވެ. މި ސުމޫތީއަކީ މެގްނީޒިއަމާއި ސިލިކަން، ބްރޮމެލެއިން އަދި ވިޓަމިން ސީން މުއްސަނދިވެފައިވާ އެއްޗެކެވެ.