ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް މި މަހު ފަށަން ނިންމައިފި އެވެ.
މި އޮޕަރޭޝަންތައް ކުރައްވާނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. އާޒިމް އަބްދުއްޝަކޫރެވެ. ޑރ. އާޒިމް މިއަދު ވަނީ ކޭއާރުއެޗުގައި ހިދުމަތް ދޭން ފައްޓަވައިފަ އެވެ.
ކޭއާރުއެޗްގެ ކްލިނިކަލް ސާވިސް ޑިވިޝަންގެ ހެޑް، ޑރ. މުހައްމަދު ނަޒީފު ވިދާޅުވީ "ޓޯޓަލް ނީ ރިޕްލޭސްމަންޓް ސާޖަރީ" ގެ މި އޮޕަރޭޝަންތަކަކީ ހެލްތު މިނިސްޓްރީގެ އެހީތެރިކަމާ އެކު، ޑރ. އަބްދުލް ސަމަދު ހޮސްޕިޓަލާއި އެ ހޮސްޕިޓަލު ގުޅިގެން ކުރާ އޮޕަރޭޝަންތަކެއް ކަމަށެވެ.
"ދެ ހޮސްޕިޓަލު ގުޅިގެން އެ ސަރަހައްދުގައި ތިބި، ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ޖެހޭ ބަލި މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފަށާ މަސައްކަތެއް،" ނާޒިފު ވިދާޅުވި އެވެ.
ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ބޭނުންވާ މީހުންނަށް ވެއިޓް ލިސްޓުގައި ޖެހިގެން ހިދުމަތް ހޯދަން މިހާރު ހުޅުވާލައިފަ އެވެ. ކޮންމެ ހަފުތާއަކު ހަތަރު އޮޕަރޭޝަން ކުރަން އެ ހޮސްޕިޓަލުން ވަނީ ނިންމައިފަ އެވެ. މި މަސް ނިމެންދެން ޑރ. އާޒިމް އެ ހޮސްޕިޓަލުގައި ބަލި މީހުން ބެއްލުވުމާއި ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރައްވާނެ އެވެ.
"މި އޮޕަރޭޝަންގެ އިތުރުން ބައެއް ދުވަސް ދުވަހު ހޮސްޕިޓަލުގައި ބަލި މީހުން ވެސް ބަލާނެ. ކަށީގެ އެހެނިހެން ބައެއް އޮޕަރޭޝަންތައް ވެސް ކުރެވެން ހުރި ނަމަ ކުރާނެ،" ނާޒިފު ވިދާޅުވި އެވެ.
ކޭއާރުއެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓީވް އޮފިސަރު އަހްމަދު ދާވޫދު ވިދާޅުވީ 2019 ވަނަ އަހަރު ވެސް އެ ހޮސްޕިޓަލުން ކަކުޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށާއި އަލުން އެ އޮޕަރޭޝަން މި ފަށަނީ ކޮވިޑްގެ ސަބަބުން އެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ދާއިމީ ގޮތެއް މި ހޮސްޕިޓަލުން މި ހިދުމަތް ދެވޭނެ ގޮތެއް ވުން. ހޮސްޕިޓަލުގެ އާ އިމާރާތާ އެކު ޖާގަ އިތުރުވެގެން ދިއުމާ އެކު މި ހިދުމަތާ އަދިވެސް އިތުރު ހިދުމަތްތައް ދެވޭނެ،" ދާވޫދު ވިދާޅުވި އެވެ.