މި ކުރާ މަސައްކަތުގައި ގޯހެއް ނެތް، ދޭ އިންޒާރަކަށް ނުސިހޭނެ: ނައިބު ރައީސް

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ކުރައްވާ މަސައްކަތުގައި ގޯހެއް ނެތް ކަމަށާއި ބަޔަކު ދޭ އިންޒާރަކުން ނުސިހޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ "އެޖެންޑާ 19" ސިޔާސަތަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ތައުރީފް ކުރައްވައިފި އެވެ.


އަންނަ ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒްގެ ކެމްޕެއިންގައި ނައިބު ރައީސް ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރެއްވޭނީ ވަކި ޕާޓީއެއްގައި ހުންނަވައިގެން ނޫން ކަމަށެވެ.

އިސްލާހަށް މަސައްކަތް ކުރާ މީހާ، ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުރިޔަސް އެކަން ކުރެވޭނެ ކަމަށާއި ރަނގަޅު ނިޔަތެއްގައި އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރުމުގެ ހައްގު އެއްވެސް މީހެއްގެ އަތުން ނިގުޅައިނުގަނެވޭނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް 100 ޕަސަންޓު ޔަގީން މި ކުރަނީ ރަނގަޅު މަސައްކަތެއް. އަޅުގަނޑުމެން ކުރާ މަސައްކަތަށް ގޯހެއް ނެތް. މިއީ ސާފު ސީދާކޮށް ރައްޔިތުންނަށް އެނގޭ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

"އެހެންވެ މިކަންކަން ހުއްޓާލުމަށް އެއްވެސް ފަރާތަކުން ދޭ އިންޒާރަކަށް، ދައްކާ ބިރަކަށް ފުރުސަތެއް ނެތް. ނުސިހޭނެ. ކައްޓަފުޅި، ދާންޏަކަށް ނުސިހޭނެ. އެ ދުވަސް [ހިނގައްޖެ]."

"ގައިގައި ކުޑަކުޑަ ޒަހަމެއް ރަނގަޅުވާން ވަގުތު ނަގާ. ނަމަވެސް މިއަދު މި ފެންނަނީ ފުރާނަ އެކަނި ދުއްވާލުން ފިޔަވައި ހުރިހާ ކަމެއް ނިންމާލާ ހިސާބަށް ދިޔަ އިރު ވެސް މަސް ދުވަސް ނުވަނީސް މި އުޅެނީ އެކަންތައް ހަނދާން ނެތިގެން،" --- ފައިސަލް

ނައިބު ރައީސް އެގޮތަށް ވިދާޅުވި އިރު، އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވައި ކެމްޕެއިން ކުރައްވާތީ ފައިސަލް ނިސްބަތްވާ ޖޭޕީގެ ތެރޭގައި ކަންކަން ވަނީ ހޫނުވެފަ އެވެ. އަދި މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމުން ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންގެ ނުރުހުން ވަނީ ގާސިމަށް އަމާޒުވެފަ އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ

ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ގާސިމް ދާދި ފަހުން ވިދާޅުވީ އެ ބޭފުޅުންނަށް މަގާމު ލިބިވަޑައިގަތީ ޖޭޕީގެ "ބުރަކަށި މަތިން"ނާއި ޕާޓީ އަށް "ސަވާރުވެގެން" ހުންނެވީމަ ކަމަށެވެ. ޖޭޕީ ނިކަމެތި ނަމަވެސް، އެ ލިބުނު މަގާމެއް ވެސް ލިބިވަޑައިގެންފައި ވަނީ ޖޭޕީއާ ހުރެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނު ވިދާޅުވީ އިހްލާސްތެރިވުމާއި ތެދުވެރިވުމާއި އަމާނާތްތެރިވުމަކީ "ނިކަމެތި ޖޭޕީ އަށް" ހިދުމަތްކޮށްދިނުން ކަމަށެވެ.

"ހަނދާން ކުރަން ޖެހޭނެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރެ އާއި ދުވާލު އަނިޔާގައި މަސައްކަތް ކުރިއިރު، މުޅި ގައުމު އޮތީ ޖަލަށް ލާފައި. އިސްލާހީ މަސައްކަތް ކުޑަ ނަމަވެސް ކުރި މީހަކު ނަމަ، ޖަލުގެ ގޮޅިތައް އޮތީ ދައްކާފައި. މި އަނިޔާ އޮތީ ދައްކާފައި. މިއީ ހިތުން ދުވަހަކު ވެސް ފޮހެވޭނެ ކަމެއް ނޫން،" ނައިބު ރައީސް

ގާސިމްގެ ވިލާ ކުންފުނީގައި އަދި ގާސިމާ ވަރަށް ގާތުން މަސައްކަތްކުރެއްވި ފައިސަލް ވިދާޅުވި ގޮތުގައި ރަނގަޅަށް ކުރައްވާ ކަމަކުން ފަސް ޖެހުމެއް ނޯންނާނެ އެވެ. ރަނގަޅަށް ކަމެއް ކުރައްވައިގެން ހިތްހަމަނުޖެހި، އެއްޗެހި ކިޔައި، ގޯނާ ކުރިޔަސް އެއީކީ ފަރުވާލެއް އޮތް ކަމެއް ނޫން ކަމަށާއި ރަނގަޅު ކަންކަން ކުރުން މަތީގައި ތާއަބަދު ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައިގައި ކުޑަކުޑަ ޒަހަމެއް ރަނގަޅުވާން ވަގުތު ނަގާ. ނަމަވެސް މިއަދު މި ފެންނަނީ ފުރާނަ އެކަނި ދުއްވާލުން ފިޔަވައި ހުރިހާ ކަމެއް ނިންމާލާ ހިސާބަށް ދިޔަ އިރު ވެސް މަސް ދުވަސް ނުވަނީސް މި އުޅެނީ އެކަންތައް ހަނދާން ނެތިގެން،" ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމުން އެކަމަށް އިޝާރާތް ކުރައްވައި އެކަމަަކު ގާސިމްގެ ނަން ނުގެންނަވައި، ނައިބު ރައީސް ވިދާޅުވި އެވެ.

ޔާމީންގެ ފަސް އަހަރު ދުވަހުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ އެއީ ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ކަޅު، އަނދިރި ދުވަސްތަކެއް ކަމަށެވެ. އަދި މިއަދު ބަޔަކު ދައްކާ ވާހަކައަކުން ރައްޔިތުން ފަސް އެނބުރި ނުބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ގައުމު އެންމެ މީހަކަށް ދުލެއް ނުކުރެވޭނެ. ހަނދާން ކުރަން ޖެހޭނެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރެ އާއި ދުވާލު އަނިޔާގައި މަސައްކަތް ކުރިއިރު، މުޅި ގައުމު އޮތީ ޖަލަށް ލާފައި. އިސްލާހީ މަސައްކަތް ކުޑަ ނަމަވެސް ކުރި މީހަކު ނަމަ، ޖަލުގެ ގޮޅިތައް އޮތީ ދައްކާފައި. މި އަނިޔާ އޮތީ ދައްކާފައި. މިއީ ހިތުން ދުވަހަކު ވެސް ފޮހެވޭނެ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ މަޖިލިހުގެ މެޖޯރިޓީ އާއި މުއައްސަސާތައް މުށު ތެރޭގައި އޮއްވަ އެވެ. ދުނިޔޭގައި ވެރިއަކަށް ބާރު ނުލިބޭ ވަރަށް ޔާމީނަށް ބާރު ލިބިވަޑައިގެންނެވި އިރު، އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވީ ހުތުރު ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އެ ނަތީޖާއާ ކުރިމަތިވީ، ފައިސަލް ވިދާޅުވި ގޮތުގައި، އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ސަބަބުންނެވެ.

އެމްޑީޕީގެ އެޖެންޑާ 19 އަށް ތައުރީފް ކުރައްވައި، ފައިސަލް ވިދާޅުވި ގޮތުގައި އެއިން ރައްކާތެރިކަމާއި ހިތަށް ފިނިކަމާއި ފަސޭހަކަން އަންނަނީ ލިބެމުންނެވެ. އަދި ހަމަޖެހިގެން އުޅެވޭނެ ގޮތާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ، އިގްތިސާދު ކުރިއަރައިގެން ދާނެ ގޮތް އޭގައި އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.