ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެ ގައުމުގެ ޕާސްޕޯޓުން އީޔޫ އުނިކޮށްލައިފި އެވެ.
ޕާސްޕޯޓްގެ ބޭރު ކަވަރުގެ މަތީގައި ކުރިން ޖަހާފައި އިންނަ ޔޫރަޕިއަން ޔުނިއަން މިދިޔަ މަހުގެ 30 އިން ފެށިގެން ވަނީ އުނިކޮށްފަ އެވެ. އެ ތާރީހުން ފެށިގެން އަލަށް ހަދައިދޭ ޕާސްޕޯޓްތަކުގައި ޔޫރަޕިއަން ޔުނިއަން ނުހިމަނަން ނިންމާފައިވާ އިރު އެކަން ފާހަގަ ކުރެވިގެން ބައެއް މީހުން ވަނީ އެހާރާއި މިހާރުގެ ޕާސްޕޯޓްގެ ކަވަރުގެ ފޮޓޯ ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
އިނގިރޭސި ޕާސްޕޯޓްގެ ކަވަރުގެ މަތީގައި ކުރިން ރަން އަކުރުން ޔޫރަޕް ޔުނިއަން ލިޔެފައިވާ އިރު އޭގެ ދަށުން ދެން އިންނަނީ "ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްން އެންޑް ނޮދަން އަޔަލެންޑް" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ޕާސްޕޯޓްގެ ކަވަރުން އީޔޫ އުނިކުރުމަކީ އެ ޖަމާއަތުން އިނގިރޭސިވިލާތް ވަކިވާން ކުރާ މަސައްކަތް ރަނގަޅު މިސްރާބަކަށްދާ ކަމުގެ ސިގްނަލެކެވެ. އެކަމަކު މި މަސައްކަތުގެ ދުވެލި ވަރަށް މަޑެވެ. އަދި އިނގިރޭސިވިލާތް އީޔޫ ވަކިވުމާ ދޭތެރޭ ގިނަ ހިޔާލު ތަފާވުންތަކެއް ވެސް ހުރިކަން ފާހަގަ ކުރެވެ އެވެ.
އިނގިރޭސި ހޯމް އޮފީހުގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އެ ގައުމުގެ ރައްޔިތުންގެ ޕާސްޕޯޓްގައި އީޔޫ ލިޔެފައި ނެތުމަކީ އިނގިރޭސި ރަށްވެއްސަކަށްވުމާ ދޭތެރޭ އެއްވެސް ސުވާލެއް އުފެދޭނެ ކަމެއް ނޫނެވެ. އަދި އެހާރާއި މިހާރުގެ ޕާސްޕޯޓް އެހީގައި ދަތުރުފަތުރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އީޔޫ ލިޔެފައި ނެތުމަކީ ޕާސްޕޯޓްގެ ސައްހަކަން ގެއްލޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.