އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވެފައިވާތީ އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބައްޕާފުޅު ސްޓޭންލީ ޖޯންސަން ފްރާންސްގެ ރަށްވެހިކަން ހޯދަން ހުށަހަޅުއްވައިފި އެވެ.

އުމުރުން 80 އަހަރުގެ ސްޓޭންލީ އެކަން ފްރާންސްގެ އާރްޓީއެލް ރޭޑިއޯ ހިއްސާކުރައްވަމުން ވިދާޅުވީ ފްރާންސްގެ ރަށްވެހިކަން ހޯދަން ހުށަހެޅުއްވީ ހަމައެކަނި އިނގިރޭސިވިލާތް އީޔޫ އިން ވަކިވެފައިވާތީ ނޫން ކަމަށެވެ. ޔޫރަޕިއަން ޕާލިމަންޓްގައި ކުރިން ކޮންޒަވޭޓިވް މެމްބަރެއްގެ މަގާމު ވެސް އަދާކުރެއްވި ސްޓޭންލީ ވިދާޅުވީ ފްރާންސްގެ ރަށްވެހިކަމަށް އެދިވަޑައިގަތީ އޭނާގެ އަސްލު އެ ގައުމާ ގުޅިފައިވާތީ ކަމަށެވެ.

"އަހަރެންގެ މަންމަ އަކީ ފްރާންސަށް އުފަން މީހެއް. އެހެންވީމާ މަންމަގެ އުފަން ގައުމުގެ ރަށްވެހިކަން އޮތުމަކީ ވެސް އަހަންނަށް ހައްގުވާ ކަމެއް،" ސްޓޭންލީ ވިދާޅުވި އެވެ. "އެކަމަކު ފްރާންސްގެ ރަށްވެހިކަމަށް ހުށަހެޅީ މިއީ ހަމައެކަނި ފްރާންސްގެ ރައްޔިތަކަށްވުމުގެ ނިޔަތުގައެއް ނޫން. މިއީ އަހަރެންގެ އަސްލާ ގުޅިފައިވާ ކަމެއް. އެހެންވީމާ އަބަދު ވެސް ޔޫރަޕްގެ ހިއްސާއަކަށްވާން އަހަރެން ބޭނުންވޭ."

އޭނާ އަކީ 2016 ވަނަ އަހަރު އީޔޫ އިން އިނގިރޭސިވިލާތް ވަކިވާން ފެނޭތޯ ބެލުމަށް ބޭއްވި ރެފެރަންޑަމްގައި ވެސް އެކަމާ ދެކޮޅަށް ވޯޓް ދެއްވި ބޭފުޅެކެވެ.

ޔޫރަޕިއަން ޕާލިމަންޓްގެ އިތުރުން ސްޓޭންލީ އަކީ ޔޫރަޕިއަން ކޮމިޝަންގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ކޮންޒަވޭޓިވް ޕާޓީ ތަމްސީލުކުރައްވާ ބޮރިސްގެ ދައުރުގެ ތެރޭގައި އީޔޫ އިން އިނގިރޭސިވިލާތް ވަކިވާން ނިންމި އިރު، މި މައްސަލަގަނޑުގެ ތެރޭގައި އޭނާގެ އާއިލާ މިހާރު އޮތީ ބައިބައިވެފަ އެވެ. އެގޮތުން 2017 ގައި ބޮރިސްގެ ދައްތަ އަދި ނޫސްވެރިޔާ ރެޗެލް ޖޯންސަން ވަނީ ކޮންޒަވޭޓިވް ޕާޓީން ވަކިވެ، ލިބެރަލް ޑިމޮކްރެޓިކްސްއާ ގުޅިވަޑައިގެންފަ އެވެ. އަދި އިނގިރޭސި ޕާލިމަންޓް، ހައުސް ކޮމަންސްގައި ވެރިކަން ކުރާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ބޮރިސްގެ ބޭބޭފުޅު 2018 ގައި ވަނީ އީޔޫން ވަކިވުމުގެ މައްސަލާގައި ކެބިނެޓުން ވެސް އިސްތިއުފާ ދެއްވައިފަ އެވެެ.

ބޮރިސް، 56، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ބްރެކްޒިޓް މައްސަލާގައި ތެރީޒާ މޭ މަގާމުން އިސްތިއުފާ ދެއްވުމުން މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގަ އެވެ.