އިނގިރޭވިލާތް 47 އަހަރު ފަހުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން މިދިޔަ މަހު ވަކިވުމާ ގުޅިގެން، އެ ގައުމުގައި މީގެ 30 އަހަރުން ކުރިން ބޭނުންކުރި ނޫކުލައިގެ ޕާސްޕޯޓް އަލުން ބޭނުންކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އިނގިރޭސި ހޯމް އޮފީހުން ބުނީ އީޔޫގެ މެމްބަރަކަށް އެ ގައުމު ވުމާ ގުޅިގެން 1988 އިން ފެށިގެން ބޭނުންކުރަމުން ދިޔަ ކަވަރުގައި ބާގަންޑީ (ގަދަ ވައިލެޓް ކުލައެއް) ހުންނަ ޕާސްޕޯޓްގެ ބަދަލުގައި އަންނަ މަހުން ފެށިގެން ބޭނުންކުރާނީ ކުރިއަށް ވުރެ ސެކިއުރިޓީ ފީޗާތައް ވަރުގަދަ، ގަދަ ނޫކުލައިގެ ކަވަރު ހުންނަ ޕާސްޕޯޓް ކަމަށެވެ. ހޯމް އޮފީހުން ބުނީ އެ ޕާސްޕޯޓަކީ އިނގިރޭސިވިލާތުގެ އަމިއްލަވަންތަކަން ދައްކުވައިދޭ އެއްޗެއް ކަމަށެވެ.
ނޫކުލައިގެ ކަވަރެއް އިންނަ ޕާސްޕޯޓް އެ ގައުމަށް އެންމެ ފުތަތަމަ ތައާރަފުކުރީ 1921 ގަ އެވެ. އޭގެ ކަވަރުގައި ހުންނަނީ ނުލާއި ރަން ކުލައިގެ ލިޔުންތަކާއި ކުރެހުންތަކެވެ.
ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލް ވިދާޅުވީ އިނގިރޭސީންގެ އައިޑެންޓިޓީ ރަމްޒުކޮށްދޭ ނޫ ޕާސްޕޯޓް އަލުން އިޔާދަވުމަކީ އިނގިރޭސިންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ބާގަންޑީ ކުލައިގެ ޕާސްޕޯޓް އަންނަ މަހުން ފެށިގެން އުވައިލަން ނިންމާފައިވާ އިރު މިދިޔަ އަހަރުގެ މާމް މަހުގެ 30 ހައި ވަނީ ޕާސްޕޯޓްގެ ބޭތުގައި ލިޔެފައި އިންނަ ޔޫރަޕިއަން ޔުނިއަން އެ ލަފުޒު ވެސް އުނިކޮށްފަ އެވެ.
ޕާސްޕޯޓްގެ ކަވަރުގެ މަތީގައި ކުރިން ރަން އަކުރުން ޔޫރަޕް ޔުނިއަން ލިޔެފައިވާ އިރު އޭގެ ދަށުން ދެން އިންނަނީ "ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްން އެންޑް ނޮދަން އަޔަލެންޑް" އެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައު ނޫ ޕާސްޕޯޓް އަލުން އިޔާދަކުރާ އިރު، އެ ޕާސްޓް ތައްޔާރުކުރުމުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ތާލެސްއާ އެވެ. ހޯމް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އެ ގައުމުގައި މިހާތަނަށް ދޫކޮށްފައިވާ ޕާސްޕޯޓްތައް އަންނަ މެއި މަހުގެ ކުރިން ނޫ ޕާސްޕޯޓަށް ބަދަލުކުރެވޭނެ އެވެ.
އެކަމަކު ބާގަންޑީ ކަވަރު ހުރި ޕާސްޕޯޓްތަކުގެ މުއްދަތު ހަމަވަންދެން ރަސްމީކޮށް ބޭނުންކުރެވޭނެ އެވެ.
ދުނިޔޭގައި ނޫކުލައިގެ ޕާސްޕޯޓް ބޭނުންކުރާ ގައުމުތަޖުގެ އަދަދު 81 އަށް އަރަ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ އާއި އެމެރިކާ އާއި ކެނެޑާ، އިންޑިއާ އަދި ހޮންކޮންގް ހިމެނެ އެވެ. ކެރީބިއަން ގައުމުތަކުގެ ތެރެއިން ނޫކުލައިގެ ޕާސްޕޯޓް ގެންގުޅޭ ގައުމުތަކުގެ ތެރޭގައި ޖެމެއިކާ، ބާބެޑޯސް، ބާބުޑާ އަދި އަންޓިގްއާ ފަދަ ގައުމުތައް ހިމެނެ އެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކްރޮއޭޝިއާ އާއި އައިސްލެންޑާއި ބޮސްނިއާ އަދި މެދު އިރުމަތިން އިރާގާއި އިޒްރޭލާއި ސީރިއާ ފަދަ ގައުމުތަކުގައި ވެސް ބޭނުން ކުރަނީ ނޫ ކުލައިގެ ޕާސްޕޯޓެވެ.
ޕާސްޕޯޓަކީ ގައުމުތަކަށް ދަތުރުކުރާ އިރު، ބޭނުން ކުރަން މަޖުބޫރު ރަސްމީ ޑޮކިއުމަންޓެކެވެ.